ޖަރުމަނުގެ ލެއިޕްޒިގަށް ކުޅެމުން އަންނަ ފޯވަޑް ޓިމޯ ވާނާ އަކީ ލިވަޕޫލްގެ ކުޅުމުގެ ވައްޓަފާޅިއާ ވަރަށް ގުޅޭ ކުޅުންތެރިޔެއް ކަމަށާއި ނަމަވެސް އެ ޓީމުގެ ފުރަތަމަ އެގާރައިން ވާނާ އަށް ފުރުސަތު ލިބުމަކީ ދުރު ކަމެއް ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ މިޑްފީލްޑަރު އޮވެން ހަރްގްރީވްސް ބުނެފިއެވެ.

ޒުވާން ފޯވަޑް ވާނާ އަކީ މިވަގުތު ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ނަން ހިނގާ އެއް ފޯވަޑެވެ. ރޮބަޓް ލެވަންޑޯސްކީ އާއެކު ޖަރުމަނު ލީގުގެ ރަން ބޫޓަށް ވާދަ ކުރަމުން އަންނަ ވާނާ ވަނީ މިސީޒަނުގެ މިހާތަނަށް ހުރިހާ މުބާރާތެއް އެއްކޮށްލައިގެން 30 ގޯލް ޖަހައިފައެވެ. ފާއިތުވެދިޔަ ދެ ސީޒަނުގައިވެސް އެއް ފެންވަރެއްގައި ކުޅުން ދަމަހައްޓަމުން އަންނަ ވާނާ ހޯދުމަށް ޔޫރަޕްގެ ބޮޑެތި ކްލަބްތަކުން އަންނަނީ މަސަތްކަތް ކުރަމުންނެވެ. އެގޮތުން އޭނާ އަށް އެންމެ ބޮޑަށް ފާރަލަމުން އަންނަނީ ބަޔާން މިއުނިކާއި ލިވަޕޫލުންނެވެ.

ރިޕޯޓްތައް ބުނާގޮތުން ވާނާގެ ޝައުގުވެރިކަން ބޮޑަށް ހުރީވެސް ލިވަޕޫލް އަށެވެ. އެހެން ނަމަވެސް އިންގްލަންޑުގައި 22 އަހަރުގެ ކުޅުންތެރިޔާ އަށް ގަވާއިދުން ޓީމުން ޖާގަ ނުލިބޭނެ ކަމަށާއި ކްލަބް ބަދަލު ކުރުމުގެ ކުރިން މިފަދަ ކަންތަކަށް ވާނާ ވިސްނަން ޖެހޭ ކަމަށް ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިޔާ އޮވެން ހަރްގްރީވެސް ގަބޫލުކުރެއެވެ.

“ ލިވަޕޫލްގެ ސްޓައިލަށް ވާނާ މާ ރަނގަޅަށް ވެސް އެބަ ފެތޭ. އޭނާ އަކީ ގޯލް ޖަހަން މޮޅު ކުޅުންތެރިޔެއް. މަސަތްކަތުގެ ރޭޓު އެހާމެ ރަނގަޅު އަދި ދަނޑުމަތީގަ އެހެން ކުޅުންތެރިންނާއި ވަރަށް ކަނެކްޝަން ރަނގަޅު ކުޅުންތެރިޔެއް. އެހެން ނަމަވެސް އަހަންނަށް ނުފެނޭ ލިވަޕޫލްގެ ފުރަތަމަ އެގާރައިން ރޮބާޓޯ ފިރްމީނޯގެ ބަދަލުގައި ވާނާ ފެނިގެންދާނެ މަންޒަރެއް. ވާހަކަ އަކީ ފިރްމީނޯ އެހާވެސް މުހިއްމޭ އެ ޓީމަށް. އެކަމަކު ވާނާ އަށް ރޮޓޭޓް ވެގެން ކުޅުމަކީ މައްސަލަ އަކަށް ނުވާނަމަ ލިވަޕޫލަކީ އޭނާ އަށް އެންމެ އެކަށޭނެ ކްލަބް، “ އޮވެން ބުންޏެވެ.

އޮވެން އިތުރަށް ބުނީ ގަވާއިދުން ކުޅެން ބޭނުންނަމަ ލިވަޕޫލްގެ ބަދަލުގައި ޔުނައިޓެޑް ނުވަތަ ޗެލްސީ އަށް ބަދަލުވުން ވާނާ އަށް މާ ރަނގަޅުވާނެ ކަމަށެވެ.

އުމުރުން 23 އަހަރުގެ ވާނާއާ އެކު ލެއިޕްޒިގުން ހަދާފައިވާ ކޮންޓްރެކްޓް އުވާލަން ދައްކަން ޖެހޭ ފީ އަކީ 52 މިިލިއަން ޕައުންޑެވެ. ވާނާ ގަތުމަށް މިދިޔަ ފިނި މޫސުމުގެ ޓްރާންސްފާ މާކެޓްގައި ޗެލްސީން ވަނީ މަސަތްކަތް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އޮވެންގެ ބަފައިބެ

    ކުރުކޮށް ރީތިކޮށް މެންޔޫ އަށް ބަދަލުވާންނީނުންހޭ ވެސް ބުނެވިނީސް ކަންނޭގެ. އެކަމަކު ތިބުނާ މެންޔޫ އަށް ގޮސްފިއްޔާ ވާނާ ދަރިޔާ ދަރިފުޅާ ކަލޭގެ ފުޓްބޯޅައިގެ ކެރިއަރު ފުނޑުފުނޑުވިން ފިޔަވާ ކާމިޔާބުވާނެ އެއްވެސް ކަމެއްނެތް. އެކިޔާ މެންޔޫއަކީ، އަމިއްލަ ހާލަށް ނޭވާވެސް ލެވޭބަޔެއްނޫން. ބެންޗުގަ އޮވެ ނިދަންވިޔަސް ލިވަރޕޫލްއަށް ދެވެންއޮތިއްޔާ އެފުރުސަތު ނަގާނުލާތި.

    13
    4