ޑާބީ މެޗުގައި ވާދަވެރި ބޮރޫޝިއާ ޑޯޓްމަންޑް ބަލިކޮށް ބަޔާން މިއުނިކުން ޖަރުމަނު ލީގް ތާވަލުގެ އެއް ވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ޑޯޓްމަންޑުގެ ސިގްނަލް އިޑުނާ ޕާކުގައި ރޭ ކުޅުނު މެޗު ބަޔާނުން ކާމިޔާބުކުރީ 1-0 އިންނެވެ. މި މޮޅާއެކު ބަޔާނުން އެއް ވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ނެގީ 28 މެޗުން 64 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ޑޯޓްމަންޑަށް 28 މެޗުން ލިބިފައިވަނީ 57 ޕޮއިންޓެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނީ ވެސް ބަޔާނުންނެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ޑިފެންސިވް މިޑްފީލްޑަރު ޖޯޝުއާ ކިމިޗް އެވެ. އޭރިޔާ ބޭރުން ލިބުނު ފުރުސަތުގައި ޑޯޓްމަންޑުގެ ތިން ކުޅުންތެރިޔަކު ވިއްދާފައި ވަނިކޮށް ކިމިޗް ފޮނުވާލި ބޯޅަ ގޯލަށް ވަނީ ގޯލްކީޕަރު ރޯމަން ބުއާކީ ބޯމަތިންނެވެ. އެ ހަމަލާ މަތަކުރަން ކީޕަރު މަސައްކަތްކުރި ނަމަވެސް ބޯޅަ ގޯލުގެ ތެރެއަށް ވަނީ އޭނާގެ އަތުގައި ޖެހިފަ އެވެ.

ދެ ވަނަ ހާފުގައި ޑޯޓްމަންޑުން ކޮންމެވެސް ވަރަކަށް އެ ޓީމުގެ ކުޅުން ރަނގަޅު ކުރިތަން ފެނިގެންދިޔައެވެ. މި ހާފުގައި ޑޯޓްމަންޑުން ވަނީ ހޫލިއަން ބްރާންޓް އާއި ތޯމަސް ޑިލަނޭގެ ބަދަލުގައި ޖޭޑޮން ސަންޗޯ އާއި އެމްރޭ ޗޭން ކުޅެން އަރުވައިފައެވެ. ދެވަނަ ހާފުގައި ބަޔާންގެ ގޯލް ފޫއަޅުވާލަން ޗޭން އަށް ފުރުސަތެއް ލިބިގެންދިޔަ ނަމަވެސް އޭރިޔާ ބޭރުން އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އަނެއްކޮޅުން ބަޔާންގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ މިހާފުގައި ޖެހި ބޯޅައެއް ވެސް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފަ އެވެ

މި މެޗުން ބަޔާން މޮޅުވިއިރު ލީގުގެ ފުރަތަމަ ބުރުގައި ވެސް ބަޔާނުން ވަނީ އަމިއްލަ ދަނޑުގައި ކުޅެ ޑޯޓްމަންޑް ބަލިކޮށްފަ އެވެ. ރޭގެ މެޗުން ހޯދި މުހިއްމު މޮޅާއެކު ބަޔާނަށް ވަނީ ލީގު ހޯދުމުގެ ފުރުސަތު ވަރަށް ބޮޑަށް ފަހިވެފަ އެވެ. ލީގުގައި ބަޔާނަށް ބާކީ އޮތީ ހަ މެޗެވެ.

ލީގުގައި ބަޔާނުން ދެން މެޗެއް ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ އެވެ. އެރޭ ބަޔާން ނުކުންނާނީ ފޯޓޫނާ ޑުސެލްޑޯފްއާ ދެކޮޅަށެވެ. އަދި ޑޯޓްމަންޑް އާދީއްތަ ދުވަހުގެ ރޭ ނުކުންނާނީ ޕަޑާބޯންއާ ދެކޮޅަށެވެ.