މުސާ އިންވިޓޭޝަނަލް ފުޓްސަލް ޓޯނަމެންޓްގެ ނަމުގައި ނ. ހޮޅުދޫގައި ކުރިއަށް ގެންދާ 2 ވަނަ ފުޓްސަލް މުބާރާތް ފަށައިފި އެވެ.

ކުލަގަދަ ރަސްމިއްޔާތަކާއެކު މުސާ އިންވިޓޭޝަނަލް 2 ވަނަ ފުޓްސަލް މުބާރާތް ފައްޓަވައި ދެއްވީ ކުރިން ވިކްޓްރީއަށް ކޯޗުކަން ކޮށްދީފައިވާ ރާއްޖޭގެ މަޝްހޫރު ކޯޗު އަލީ ސުޒޭން އެވެ.

މި މުބާރަތަކީ ހޮޅުދޫ މައި ޔުޓައިލް ސްޕޯޓްސް އެކަޑަމީގެ ފަރާތުން ނ. އަތޮޅުގެ ރަށްތަކަށާއި އެ އަތޮޅުގައިވާ ރިސޯޓްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މުބާރާތެ ކެވެ

ކުޅިވަރުގެ ޒުވާން ޖީލަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި ފަހަރުގެ މުބާރާތުގައި ޖުމްލަ 6 ޓީމެއް ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި މުބާރާތް ބާއްވާ ހޮޅުދޫއަށް ނިސްބަތްވާ ހޮޅުދޫ ބާފާ ޖަމިއްޔާއާއި، އެރަށު ޑަބްލިއު ބޯއިސްއާއި، ވެލިދޫ ބައޯކަލޯގެ އިތުރުން އެއަތޮޅުގައި އޮންނަ ސޮނެވާ ޖާނީއާއި، ރޮބިންސަން ކްލަބް ނޫނު އަދި ދަ ސަން ސިޔާމުގެ އިރުފުށި ރިސޯޓުން ހިމެނެއެވެ.

މުސާ އިންވިޓޭޝަނަލް ފުޓްސަލް މުބާރާތުގެ ތެރެއިން

މުބާރާތް ރޭވިފައިވަނީ ލީގު އުސޫލުން އެއްބުރު ކުޅުމަށްފަހު، އެއްމެ ގިނަ ޕޮއިންޓް ހޯދާ 4 ޓީމް ސެމީއަށް ދަތުރުކުރާ އުސޫލުންނެވެ. އަދި ކުރޮސްކޮށް ސެމީ ކުޅުމަށްފަހު މޮޅުވާ ދެ ޓީމް ސީދާ ފައިނަލަށް ދަތުރުކުރާ އުސޫލުންނެވެ.

މުބާރާތް އިންތިޒާމް ކުރާ ފަރާތުން ބުނީ މިފަދަ ފުޓްސަލް މުބާރާތެއް ބޭއްވުމުގެ މަޤުޞަދަކީ ހޮޅުދޫއާއި އެ އަތޮޅުގެ އެހެން ރަށްތަކުގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހު ދިރުވާ އާލާ ކުރުމާއި ކުޅިވަރުގެ ތެރެއިން ޒުވާންޖީލެއް ބިނާ ކުރުން ކަމަށެވެ. އަދި 2017 ވަނަ އަހަރު
ހޮޅުދޫ މައި ޔުޓައިލް ސްޕޯޓްސް އެކަޑަމީގެ ފަރާތުން ދިއްލާލި ކުޅިވަރުގެ ދަންމަރުގެ އަލިން އަތޮޅުގެ އެހެން ރަށްރަށަށް އަލިކަން ފޯރުކޮށްދިނުން ކަމަށެވެ.

މީގެ އިތުރުން މުސާއިން ބުނީ ނ އަތޮޅުގައި ދިރިއުޅެމުން އަންނަ ރާއްޖޭގެ އެކިކަންކޮޅުތަކުގެ ޒުވާނުންނަށް ކުޅިވަރުގެ މައިދާނުގައި ތަމްސީލް ކުރުމުގެ ފުރުސަތު ހޯދައިދިނުމާއި ބަދަހި ދުޅަހެޔޮ ޒުވާން ޖީލެއް ބިނާ ކުރުންވެސް މުބާރާތް ބޭއްވުމުގެ މަގުސަދު ތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ.

މުސާ އިންވިޓޭޝަނަލް ފުރަތަމަ ފުޓްސަލް މުބާރާތުގެ ޗެމްޕިއަން ޓީމަކީ ނ މިލަދޫ ޓީމެވެ. އެ ޓީމް ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ވާދަކުރި ރަންދެލި ރިސޯޓް ބަލިކުރުމަށްފަހުއެވެ.