ޔޫރަޕްގެ އެހެން ލީގުތަކަށްވުރެ ޕްރިމިއާ ލީގު ކާމިޔާބުކުރުން އުނދަގޫ ކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިޔޯލާ ބުނެފިއެވެ.

މި ސީޒަނުގެ ޕްރިމިއާ ލީގު ސިޓީން ކާމިޔާބުކޮށްފައިވާއިރު ރޭ ހަޑަލްސްފީލްޑް އާއި ބައްދަލުކުރި މެޗަށްފަހު ސިޓީ އާއި ވަނީ ރަސްމީކޮށް ޕްރިމިއާ ލީގުގެ ތަށި ހަވާލުކޮށްފައެވެ. ރޭ ހަޑަލްސްފީލްޑް އާއި ސިޓީ ބައްދަލުކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ރޭގެ މެޗަށްފަހު ގާޑިޔޯލާ ބުނީ ޕްރިމިއާ ލީގު ކާމިޔާބު ކުރުމަކީ އެހެން ލީގުތަކަށްވުރެ އުނދަގޫ ކަމެއް ކަމަށާއި އެކަން ރޭގެ މެޗުން ވެސް ހާމަވެގެން ގޮސްފައިވާ ކަމަށެވެ.

"މި ލީގު ކާމިޔާބުކުރުމަކީ އުނދަގޫ ކަމެއް. ރޭގެ މެޗަށް ބަލާލުމުން ވެސް އެބަ އިނގޭ މިއީ ކިހާ އުނދަގޫ ކަމެއްކަން. އުނދަގޫ ކަމަކަށްވުމުން މި ކާމިޔާބީ އެހާ ހާއްސަ ވަނީ ވެސް" ގާޑިޔޯލާ ބުންޏެވެ.

ސިޓީ އަށް އައުމުގެ ކުރިން ގާޑިޔޯލާ ވަނީ ސްޕެއިންގެ ބާސެލޯނާ އަދި ޖަރުމަނުގެ ބަޔާން މިއުނިކަށް ކޯޗުކޮށްދީފައެވެ. އެ ދެ ކްލަބާއެކު ވެސް ގާޑިޔޯލާ ވަނީ ތިން ފަހަރެއްގެ މަތިން ލީގު ކާމިޔާބުކޮށްފައެވެ. މިއީ ސިޓީއާއެކު ގާޑިޔޯލާ ހޯދި ފުރަތަމަ ޕްރިމިއާ ލީގު ތަށްޓެވެ.

އިތުރަށް ވާހަކަދައްކަމުން ގާޑިޔޯލާ ބުނީ މި ސީޒަނުގައި މަސައްކަތް ކުރި ވަރަށްވުރެ ރަނގަޅަށް އަންނަ ސީޒަނުގައި މަސައްކަތް ކުރެވޭނެކަން ރޭގެ މެޗުން ހާމަވެފައިވާ ކަމަށެވެ. އަދި ޖެހިޖެހިގެން ދެވަނަ ފަހަރަށް ލީގު ކާމިޔާބުކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށްވެސް ގާޑިޔޯލާ ބުންޏެވެ.

"ޖެހިޖެހިގެން ދެވަނަ ފަހަރަށް ލީގު ހޯދުމަކީ އުނދަގޫ ކަމެއް. އެކަމަކު އަހަރުމެން އެ ޗެލެންޖު ވެސް ބަލައިގަންނަން" ގާޑިޔޯލާ ބުންޏެވެ.

ޕްރިމިއާ ލީގަކީ މި ސީޒަނުގައި ސިޓީން ކާމިޔާބުކުރި ދެވަނަ ތަށްޓެވެ. މީގެކުރިން ސިޓީ އިން ވަނީ އާސެނަލް ބަލިކުރުމަށްފަހު އިނގިރޭސި ލީގު ކަޕް ވެސް ކާމިޔާބުކޮށްފައެވެ.