ޕެޕް ގާޑިއޯލާގެ ދަށުން މެންޗެސްޓާ ސިޓީގައި މަސައްކަތް ކުރުމަށްފަހު މިދިޔަ އަހަރު ފަހުކޮޅު އާސެނަލްއާ ހަވާލުވި މިކެލް އާޓެޓާ ކޯޗެއްގެ ގޮތުގައި އޭނާގެ ކުރީގެ ޓީމާ ދެކޮޅަށް ފުރަތަމަ ފަހަރަށް މިރޭ ނުކުންނާނެއެވެ.

އާސެނަލްގެ ކޯޗުކަމާ އާޓެޓާ މިދިޔަ ޑިސެމްބަރު މަހު ހަވާލުވީ ސިޓީގެ އެސިސްޓަންޓް ކޯޗުގެ މަގާމު ދޫކޮށްލައިފައެވެ. ކުޅުންތެރިއެއްގެ ގޮތުގައި ފުޓްބޯޅައިން ރިޓަޔާ ކުރުމަށް ފަހު އާޓެޓާ ސިޓީގެ ކޯޗިންގް ޑިޕާޓްމަންޓާ ގުޅުނީ 2016 ވަނަ އަހަރުއެވެ.

މިރޭ ރާއްޖެ ގަޑިން 12:15 ގައި އާސެނަލް އާއި މެންޗެސްޓަ ސިޓީ ނުކުންނާނީ ސިޓީގެ ދަނޑު ކަމަށްވާ އެތިހާދު ސްޓޭޑިއަމްގައެވެ. މި މެޗަކީ ކޯޗިން ކެރިއަރުގައި ގާޑިއޯލާއާ ދެކޮޅަށް އާޓެޓާ ނުކުންނަ ފުރަތަމަ ފަހަރެވެ.

މި އަހަރު ފެށި ފަހުން ޕްރިމިއާ ލީގުގައި ކުޅުނު އެއްވެސް މެޗަކުން އާސެނަލް ބަލިވެފައި ނެތެވެ. ނަމަވެސް ތާވަލުގެ 9 ވަނައިގައި 40 ޕޮއިންޓާއެކު އޮތް އާސެނަލް އަށް ޗެމްޕިއަންސް ލީގުގެ ޖާގައެއް އަންނަ ސީޒަނުގައިވެސް ނުލިބިދާނެކަމުގެ ބިރު ވަނީ ވަރަށް ބޮޑުވެފައެވެ. އެޓީމާ ލީގުގެ 4 ވަނައިގައި އޮތް ޗެލްސީއާ ދެމެދުގައި އަށް ޕޮއިންގެ ފަރަގެއް އެބައޮތެވެ.

އެހެންކަމުން ޔޫރަޕުން ފުރުސަތު ހޯދަން ބޭނުން ނަމަ އާސެނަލް އަށް ކުރިއަށް އޮތީ އުނދަގޫ ޗެލެންޖެކެވެ.

މިރޭގެ މެޗް ކާމިޔާބުކޮށްގެން ފަސްވަނައިގައި އޮތް ޝެފީލްޑް ޔުނައިޓެޑާ ދެ ޕޮއިންޓަށް އާސެނަލް އަށް ގާތްކުރެވޭނެއެވެ. ކުރިއަށް އޮތް ދެ ސީޒަންގެ ޗެމްޕިއަންސް ލީގުން ސިޓީ ސަސްޕެންޑްކޮށްފައި ވުމުން ފަސްވަނައިގައި ނިންމާ ޓީމަކަށް އަންނަ ސީޒަންގައި ޔޫރަޕްގައި ކުޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

"މިދިޔަ ތިން ސީޒަންގައި ވެސް ޗެމްޕިއަންސް ލީގުގައި ކުޅެފައިނުވާތީ ފައިނޭންޝަލީ އަހަރުމެންނަށް އޮތް ޕްރެޝަރު ވަރަށް ބޮޑު. އަހަރުމެންނަށް އިނގޭ ކޮނޑުގަ އެޅިފަ ހުރި ޒިންމާތަކާ ކްލަބުގެ އަމާޒްތައް. މިއީ 2 މެޗުން ޙާސިލްވާނެ ކަންތަކެއް ނޫން. ކުރިއަށް އޮތް 10 މެޗަށް ބަހާލައިގެން މިކަން ވާނީ. ވަރަށް ބޮޑު ޗެލެންޖެއް މިއީ. ސަބަބަކީ ވަރަށް ގިނަ ޓީމްތައް އެބައުޅޭ މި އަމާޒަށް މަސަތްކަތް ކުރާ. އެކަމަކު އަހަރުމެންނަށް އިތުބާރު އެބައޮތް މިކަން ކުރެވޭނެ ކަމުގެ،" އާޓެޓާ ބުންޏެވެ.

އާޓެޓާ ބުނީ ގާޑިއޯލާ ކައިރިން ކޯޗިންގްއާ ބެހޭ ވަރަށް ގިނަ ކަންކަން ދަސްވި ކަމަށާއި މިރޭގެ މެޗަކީ ވަރަށް ހާއްސަ މެޗަކަށް ވެގެންދާނެ ކަމަށެވެ.

ލީގުގެ ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް މިހާރު ލީގުގައި ގެއްލޭނެ މާބޮޑު އެއްޗެއް މިހާރު ނެތެވެ. އެ ޓީމް ދެވަނައިގައި އޮތީ އެއް ވަނައިގައި އޮތް ލިވަޕޫލަށް ވުރެން 25 ޕޮއިންޓް ފަހަތުން މުޅިއެކު 57 ޕޮއިންޓާއެކު އެވެ. މިރޭ ސިޓީ ބަލިވެއްޖެނަމަ އާދިއްތަ ދުވަހު އެވަޓަން ބަލިކޮށް ލިވަޕޫލަށް ލީގު ކަށަވަރުކުރެވޭނެ އެވެ. އެހެންކަމުން ލީގަށްވުރެ ބޮޑަށް ގާޑިއޯލާ އިސްކަން ދޭނީ މިސީޒަންގެ ޗެމްޕިއަންސް ލީގުގައި ރަނގަޅު ކާމިޔާބީއެއް ހޯދުމަށެވެ.

ކޮވިޑް-19 ގެ ސަބަބުން މެދުކަނޑާލި ޕްރިިމިއާ ލީގު 100 ދުވަހަށް ފަހު މިރޭ އަލުން ފަށާނީ އެސްޓަން ވިލާ އާއި ޝެފީލްޑް ޔުނައިޓެޑް ކުޅޭ މެޗުންނެވެ.