ޕޮލޭންޑްގެ ފޯވަޑް ރޮބަޓް ލެވަންޑޯސްކީގެ ރެކޯޑް ތަކާއެކު ޖަރުމަން ލީގުގައި ފްރެއިބާގް އަތުން ޗެމްޕިއަން ބަޔާން މިއުނިކުން ފަސޭހަ މޮޅެއް ހޯދައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅެ ބަޔާނުން ރޭގެ މެޗް ކާމިޔާބު ކުރީ 3-1 އިންނެވެ. ބާކީ ދެ މެޗް އޮއްވައި ބަޔާނުން ޖެހިޖެހިގެން އަށް ވަނަ ފަހަރަށް ލީގް ކަށަވަރު ކުރީ މީގެ ދެ ދުވަސް ކުރިން ވާޑާ ބްރެމެން ބަލިކޮށްގެންނެވެ.

ޗެމްޕިއަންކަން ލިބިފަައިވުމުން ކޯޗް ހަންސީ ފްލިކް ރޭ ފްރެއިބާގާ ދެކޮޅަށް ޓީމް ނެރުނީ ބަދަލުތަކާއެކުއެވެ. އެގޮތުން ކީޕަރު މެނުއެލް ނޯޔާގެ ބަދަލުގައި ގޯލް ބެލެހެއްޓީ ސްވެން އުލްރިޗްއެވެ.

ރޭގެ މެޗްގައި ބަޔާނުން ޖެހި ފުރަތަމަ ގޯލް 15 ވަނަ މިނެޓުގައި ލެވަންޑޯސްކީގެ އެހީއާއެކު އިދިކޮޅު ގޯލްގެ ތިރީ ކަނަށް ބޯޅަ ވައްދާލައިގެން ޖެހީ ޖޯޝުއާ ކިމިޗްއެވެ. އޭގެ ނުވަ މިނެޓް ފަހުން ބަޔާންގެ ލީޑް ފުޅާކޮށްދިނީ ލެވަންޑޯސްކީއެވެ. ލިއޯން ގޮރެޓްޒްކާ ފޮނުވާލި ހަމަލާ މަތަކޮށް ފްރެއިބާގު ކީޕަރު ބޯޅަ ވައިގެ ތެރެއަށް ފޮނުވާލުމުން ލެވަންޑޯސްކީ ވަނީ އެއްވެސް އުނދަގުލެއް ނެތި އެއް ފަހަރުން ޖަހައި އެ ބޯޅަ ގޯލް ތެރެއަށް ވައްދާލާފައެވެ.

ލޫކަސް ހޮއެލާ ޖެހި ގޯލަކުން ފްރެއިބާގުން 31 ވަނަ މިނެޓުގައި ފަރަގު ކުޑަ ކުރި ނަމަވެސް އޭގެ ފަސް މިނެޓް ފަހުން ލޫކަސް ހާނަންޑޭޒް ނަގައިދިން ހުރަހެއްގައި ގޯލް ޖަހައި ލެވަންޑޯސްކީ ވަނީ ބަޔާންގެ ލީޑް އަނެއްކާ ވެސް ދެ ގޯލަށް ބަދަލުކޮށްފައެވެ. މި މެޗްގައި 31 އަހަރުގެ ލެވަންޑޯސްކީ ޖެހި ދެ ގޯލާއެކު އޭނާ މި ސީޒަންގައި ކާމިޔާބު ކުރި ގޯލްތަކުގެ އަދަދު ވަނީ 47 އަށް އަރައިފައެވެ. އޭގެ ތެރެއިން 33 ގޯލް ޖެހީ ލީގުގައެވެ. އެއާއެކު އޭނާ ވެފައިވަނީ ޖަރުމަން ލީގް ސީޒަނެއްގައި 33 ގޯލް ހަމަކުރި ފުރަތަމަ ބޭރު ކުޅުންތެރިޔާ އަށެވެ.

ލީގުގެ އެއްވަނައިގައި ބަޔާން އޮތީ 11 ޕޮއިންޓުގެ ލީޑަކާއެކުއެވެ. އެ ޓީމް ކުޅުނު 33 މެޗުން 79 ޕޮއިންޓު ހޯދިއިރު، ދެވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑަށް 33 މެޗުން ލިބިފައިވަނީ 69 ޕޮއިންޓެވެ. ޑޯޓްމަންޑް ވަނީ އެޓީމް ރޭ ކުޅުނު މެޗްގައި ތިންވަނައިގައި އޮތް ލީޕްޒިގް އަތުން 2-0 އިން މޮޅުވެފައެވެ. މެޗްގައި ފެނިގެންދިޔަ ދެ ގޯލް ވެސް ޑޯޓްމަންޑަށް ޖަހައި ދިނީ ޒުވާން ފޯވަޑް ހާލަންޑެވެ.