30 އަހަރަށްފަހު ލިވަޕޫލް އަށް ލީގު ކާމިޔާބުކޮށް ދެވުމަކީ ކްލޮޕް އުއްމީދު ކުރި ވަރަށް ވުރެންވެސް ބޮޑު ކާމިޔާބީއެއް ކަމަށް އޭނާ ބުނެފިއެވެ. ރޭ މެންޗެސްޓާ ސިޓީ ބަލިކޮށް ޗެލްސީ މޮޅުވުމުން ލިވަޕޫލް އަށް ވަނީ ޕްރިމިއާލީގު ޗެމްޕިއަންކަން ކަށަވަރު ވެފައެވެ.

ރޭ ލީގު ޗެންޕިއަންކަން ކަށަވަރުވުމުން ވާހަކަ ދައްކަމުން ކްލޮޕް ބުނީ މިއީ އޭނާ ހުވަފެނުން ވެސް ނުދެކޭ ކާމިޔާބެއް ކަމަށެވެ.

"އަހަރެން ކުލަބަށް އައި އިރު އުއްމީދުވެސް ނުކުރަން ލީގު ކާމިޔާބު ކުރެވިދާނެ ކަމަށް. މިހާރުވެސް ގަބޫލު ނުކުރެވޭ، މިއީ އަހަންނަށް ހުވަފެނުން ވެސް ނުފެންނަ ކާމިޔާބެއް. އުއްމީދު ކުރިވަރަށްވުރެން ވެސް ބޮޑު ކާމިޔާބީއެއް މިއީ" ލިވަޕޫލްގެ ކޯޗު ކްލްޕް ބުންޏެވެ.

"މި ކުލަބާއެކީ މިލިބުނު ކާމިޔާބީ އަކީ ވަރަށްވެސް އުފާވެރި ކަމެއް، މިއީ ކުޅުންތެރިން ކުރި ހިތްވަރު، އެމީހުނަށް ކޯޗުކަން ކޮށްދިނުމަކީ އަހަރެންގެ އުފާވެރިކަން" އޭނާ އިތުރަށް ބުންޏެވެ.

2015 ވަނަ އަހަރު އޮކްޓޫބަރު މަހު ކްލޮޕް ލިވަޕޫލް އާއި ގުޅުނު އިރު އެ ޓީމު އޮތީ ތާވަލްގެ 10 ވަނައިގައެވެ. އޭނާ ޓީމާއި ހަވާލުވެ ވަނީ ލިވަޕޫލް އަށް އެތައް ކުރިއެރުން ތަކެއް ގެނެސްދީފައެވެ. އެގޮތުން މިދިޔަ އަހަރު އޭނާ ވަނީ ޗެންޕިއަންސް ލީގު ލިވަޕޫލް އަށް ކާމިޔާބުކޮށް ދީފައެވެ. ރޭ ލީގު ކާމިޔާބު ވުމާއެކު ލިވަޕޫލް އިންވަނީ ލީގުގައި 31 މެޗު ކުޅެ އެއްމެ އަވަހަށް ލީގު ކާމިޔާބުކުރި ޓީމުގެ ރެކޯޑުވެސް ހޯދާފައެވެ.

މީގެ އިތުރުން ބާކީ އޮތް 7 މެޗުން 5 މެޗު ލިވަޕޫލް މޮޅުވެއްޖެ ނަމަ މެންޗެސްޓާ ސިޓީގެ 100 ޕޮއިންޓުގެ ރެކޯޑް މުގުރާލުމުގެ ފުރުސަތު ލިވަޕޫލް އަށް ލިބޭނެއެވެ.

ރޭ ޗެލްސީއަތުން ބަލިވި މެޗަށްފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗު ގާޑިއޯލާ ބުނީ މި ސީޒަންގެ ތަޖުރިބާ އާއި އެކު އަންނަ ސީޒަންއަށް ސިޓީ ރަނގަޅު ކުރާނެ ކަމަށެވެ. އޭނާވަނީ ލިވަޕޫލްގެ ކާމިޔާބީއަށް މަރުހަބާ ކިޔާފައެވެ.

"މި ސީޒަންގައި ލިވަޕޫލް ވަރަށް ރަނގަޅު ކުޅުމެއް ދެއްކީ، އެޓީމަށް މަރުހަބާ ކިޔަން، އެއީ އެމީހުނަށް ހައްގު ކާމިޔާބީއެއް" ގާޑިއޯލާ ބުންޏެވެ.

ލިވަޕޫލް ތާވަލްގެ އެއްވަނާގައި ލީގު ކަށަވަރުކުރި ނަމަވެސް އަދި ބާކީ 7 މެޗު ލީގުގައި ކުޅެން ޖެހޭނެއެވެ.