ސްޕެނިޝް ލަލީގާ ގައި ރޭ ރިއަލް މެޑްރިޑް އާއި އެސްޕެނިޔޮލް ބައްދަލު ކުރި މެޗު މެޑްރިޑް ކާމިޔާބުކޮށް ލީގު ހޯދުމާއި ގާތަށް ޖެހިލައިފިއެވެ.

1-0 ގެ ނަތީޖާ އަކުން މެޑްރިޑް މި މެޗުން މޮޅުވުމާއި އެކު ވަނީ ވާދަވެރި ބާސާ އަށް ވުރެން، ތާވަލްގައި 2 ޕޮއިންޓްގެ ލީޑެއް ނަގާފައެެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަަމަ ހާފްގައި މެޑްރިޑުން ވަނީ އެސްޕެނިޔޮލްގެ ގޯލަށް ނުރައްކާތެރި ހަމަލާ ތަކެއް ފޮނުވާލާފަ އެވެ. މިމެޗުގެ ހަމަ އެކަނި ލަނޑު ފުރަތަމަ ހާފް ނިމެން ވަނިކޮށް މެޑްރިޑް އިން ވަނީ ކާމިޔާބު ކޮށްފައެވެ. ރިއަލްގެ ކަރިމް ބެންޒީމާ ރީތި ގޮތަކަށް ފުންނާބުން ކަސެމީރޯ އަށް ދިން ޕާހެއްގައި އޭރިއާ ތެރޭން ގޯލު ކުރިމަތީ ހުރެ ބޯޅަ ގޯލުގެ ތެރެއަށް ފޮނު ވާލައިގެން އޭނާ ވަނީ މެޑްރިޑަށް ލީޑު ނަގައި ދީފައެވެ. ފުރަތަމަ ހާފް ނިމިގެން ދިޔައީ 1-0 ނަތީޖާ އަކުންނެވެ.

މެޗުގެ ދެވަނަ ހާފް މެޑްރިޑް އިން ވަނީ ގިނަ އިރު ބޯޅަ ހިފަހައްޓައިގެން މެޗު ކޮންޓްރޯލް ކޮށްފައެވެ. ދެވަނަ ހާފްގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވެއެވެ.

މިމެޗުގައި ރިއަލްގެ ތަރި ކަރިމް ބެންޒިމާ ވަނީ މޮޅު ކުޅުމެއް ދައްކައި މެޗުގެ މޭން އޮފްދަ މެޗު ހޯދާފައެވެ.

ފާއިތުވި ފަސްމެޗު ކާމިޔާބުކޮށް މެޑްރިޑް އިން ވަނީ އޭގެ ކުރީރޭ ބާސާ އެއްވަރު ވުމުން އެ ޓީމަށް ވުރެން 2 ޕޮއިންޓް ކުރިޔަށް ޖެހިލާފައެވެ. ރިއަލް އެއްވަނާގައި އޮތީ ކުޅުނު 32 މެޗުން 71 ޕޮއިންޓާއި އެކުގައެވެ. ރިއަލް އަށް އަދި ލީގުގައި ބާކީ ހަ މެޗު ކުޅެން ޖެހެއެވެ.