ޔޫތު ސިޓީ ފުޓްސަލް ކަޕްގެ އަންހެން ޑިވިޝަންގެ ކުއާޓަރ ފައިނަލްގެ މެޗުތައް މިރޭ ފަށަން ތާވަލްކޮށްފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފަރާތުން އިންތިޒާމް ކޮށްގެން ހުޅުމާލޭގައި ކުރިއަށްގެންދާ ޔޫތް ސިޓީ ފުޓްސަލް މުބާރާތުގެ އަންހެން ޑިވިޝަންގެ ގްރޫޕް ސްޓޭޖު މެޗުތަކަށްފަހު، ކުއާޓާ ފައިނަލަށް ދަތުރުކުރީ ކޮންމެ ގްރޫޕެއްގެ ވެސް އެއްވަނަ އަދި ދެވަނަ ޓީމެވެ. ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުތައް ކުޅެފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

އަންހެން ޑިވިޝަންގެ ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުތައް ފަށަން ހަމަޖެހިފައިވަނީ މިރޭ 8:00 ގައެވެ. އެގޮތުން ފުރަތަމަ މެޗުގައި ގްރޫޕް އޭގެ އެއްވަނަ ހޯދި ޒެނިތު ސްޕޯޓްސް ކްލަބާ ދެކޮޅަށް ގްރޫޕް ސީގެ ދެވަނަ ހޯދި ޓީމް ފްރެންޑްސް ނުކުންނަ އިރު، ގްރޫޕް ބީގެ އެއްވަނަ ހޯދި އުރީދޫ ޓީމާ ދެކޮޅަށް ނުކުންނާނީ ގްރޫޕް ޑީގެ ދެވަނަ ހޯދި ފިސާރި އެފްސީ އެވެ.

މާދަމާ ރޭ ކުޅެން ހަމަޖެހިފައިވާ ކުއާޓާގެ ފަހު ދެ މެޗުގައި ގްރޫޕް ސީގެ އެއްވަނަ ހޯދި ވިމެންސް ފުޓްބޯލް ކްލަބާ ދެކޮޅަށް ގްރޫޕް އޭގެ ދެވަނަ ހޯދި ދިވެހި ސިފައިންގެ ކްލަބު ނިކުންނައިރު، ގްރޫޕް ޑީގެ އެއްވަނަ ހޯދި ކަނބަލުންނާ ދެކޮޅަށް ނުކުންނާނީ ގްރޫޕް ބީގެ ދެވަނަ ހޯދި ލޭޑީ ލަކް އެވެ.

ޖުމްލަ 136 ޓީމާއެކު ފެށިގެން ކުރިއަށްދާ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި 120 ޓީމު، އަދި އަންހެން ޑިވިޝަނުގައި 16 ޓީމު ވާދަކުރެއެވެ. މުބާރާތުގެ ފިރިހެން ޑިވިޝަން މެޗުތައް ކުރިއަށް ދަނީ ނޮކްއައުޓް އުސޫލުންނެވެ. އަދި އަންހެން ޑިވިޝަން ކުރިއަށްދަނީ ހަތަރު ގްރޫޕަކަށް ބަހާލުމަށްފަހު، ގްރޫޕް ސްޓޭޖް މެޗުތައް ނިމުމުން އެންމެ ކުރީގައި އޮންނަ ދެ ޓީމު ކުއާޓާ ފައިނަލަށް ދަތުރުކުރާ ގޮތަށެވެ.

މިފަހަރުގެ މުބާރާތުގެ ފައިސާގެ އިނާމްތައް ބޮޑުކޮށް ޗެމްޕިއަން ޓީމަށް 100,000 ރުފިޔާ، ރަނަރަޕް ޓީމަށް 50,000 ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 25,000 ރުފިޔާ ވަނީ ހުށަހަޅާފަ އެވެ.