ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގެ ބާކީ ހުރި މެޗުތަކަށް ތައްޔާރުވާން ގައުމީ ފުޓްބޯޅަ ޓީމުގެ ޕްރެކްޓިސްތައް މިއަދު ފަށައިފި އެވެ.
ކޮވިޑް-19 ގެ ބްރޭކަށްފަހު ގައުމީ ޓީމުގެ ފަރިތަކުރުންތައް މިއަދު ހެނދުނު ގައުމީ ފުޓްބޯޅަ ދަނޑުގައި ފެށީ 26 ކުޅުންތެރިންނާއެކު އެވެ. އެފްއޭއެމް އިން ދާދި ފަހުން 32 ކުޅުންތެރިންގެ ސްކޮޑެއް އެކުލަވާލާފައިވީ ނަމަވެސް މިއަދުގެ ޕްރެކްޓިހުގައި ފުލް ސްކޮޑަށް ބައިވެރިނުވެވޭ ގޮތް ވީ މާލެ ނާދެވި ބައެއް ކުޅުންތެރިން ރަށުގައި ތާށިވެފައި ތިބި ތިބުމުގެ އިތުރުން މޮނިޓަރިން ހާލަތުގައި ހުރި އިމާރާތެއްގައި ކުޅުންތެރިއެއް ދިރިއުޅޭތީ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
ގައުމީ ޓީމުގެ ކޯޗު މާޓިން ކޫޕްމަން މީގެ ކުރިން ޓީމުގެ ފަރިތަކުރުންތައް ކުރިއަށް ގެންދާނީ ދެ ގްރޫޕަކަށް ބަހާލައިގެން ކަމަށް ބުނެފައިވީ ނަމަވެސް ސްޕޯޓްސް މިނިސްޓްރީން އިއުލާންކުރި އުސޫލުތަކުގައި އެއްފަހަރާ ގިނަވެގެން 30 ކުޅުންތެރިންނަށް ކުޅިވަރު ކުޅެވޭނެކަން ހާމަކޮށްފައިވުމުން މިއަދު ގައުމީ ފުޓްބޯޅަ ޓީމުގެ ފަރިތަކުރުންތައްވެސް ކުރިއަށް ގެންގޮސްފައިވަނީ އެކުގައެވެ.
ކޮވިޑް-19ގެ ސަބަބުން ފަސްކުރި ވޯލްޑް ކަޕް އަދި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިން މެޗުތައް އަންނަ އޮކްޓޫބަރު މަހު ފަށަން އޭއެފްސީން ވަނީ ނިންމާފަ އެވެ. އާ ޝެޑިއުލްގައިވާ ގޮތުން ގައުމީ ޓީމު ދެން އެންމެ އަވަހަށް ކުޅޭ މެޗަކީ ކޮލިފައިންގައި އޮކްޓޫބަރު މަހު އަށް ވަނަ ދުވަހު ރަށުން ބޭރުގައި ޗައިނާއާ ދެކޮޅަށް ކުޅޭ މެޗެވެ. އޭގެ ފަހުން އޮކްޓޫބަރު 13 ވަނަ ދުވަހު މާލޭގައި ސީރިއާއާ ބައްދަލުކުރާ އިރު ފަހު މެޗުގައި ނޮވެމްބަރު 17 ގައި ރާއްޖެ ބައްދަލުކުރާނީ ފިލިޕީންސްއާ އެވެ.
ގައުމީ ޓީމު މި އަހަރު ކުޅެން އޮތް ސާފް ސުޒުކީ ކަޕް ވަނީ އަންނަ އަހަރަށް ފަސްކޮށްފަ އެވެ. ކުރިން އޮތްގޮތުން އެ މުބާރާތް ބަންގްލަދޭޝްގެ ޑާކާގައި ކުރިއަށްގެންދަން ތާވަލުކޮށްފައި އޮތީ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
ޕުލޭ ފޯ ދަ ނޭސަން އޮންލީ.... .........!!!!!!!!
ތި ބޭކާރު ޙަރަދު ތަކެއް!!
މުޅިން ފުޓުބޯޅަޔަށް ހަރަދުކުރަނީ.. ކުޅިބަލާލަންވަންނަ މީހަކުވެސް ނޫޅޭ!!!
ތި ހުރިހާ ކަމެއް ކުތަމުނ ް ދާ އިރު ކީ ވެ ބާ އިންތިޚާބް ނުބޭއްވުގެން ތި އުޅެނީ.