އުރުގުއޭ ފޯވަޑް ލުއިސް ސުއަރޭޒް ކާމިޔާބުކުރި ހަމައެކަނި ގޯލުން އެސްޕަންޔޯލް ބަލިކޮށް ބާސެލޯނާ އިން ސްޕެނިޝް ލީގު ދިފާއު ކުރުމުގެ އުއްމީދު ގެއްލުނަ ނުދީ ހިފަހައްޓައިފިއެވެ.

ބާސާގެ ދަނޑުގައި ރޭ ކުޅުނު މެޗް 1-0 އިން ކާމިޔާބުކޮށް އެޓީމުން ވަނީ ލީގުގެ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑާ ޕޮއިންޓަކަށް ކައިރިކޮށްފައެވެ. ރެއާލް އަށް ވުރެ އެއް މެޗް އިތުރަށް ކުޅެގެން ބާސާ ވަނީ 76 ޕޮއިންޓް ހޯދައިފައެވެ. މުޅިއެކު 77 ޕޮއިންޓް ހަމަކޮށްފައިވާ ރެއާލް މާދަމާ ރޭ ކުޅޭ މެޗުން މޮޅުވެއްޖެނަމަ މި ދެ ޓީމްގެ ފަރަގު އަނެއްކާވެސް ހަތަރު ޕޮއިންޓަށް ފުޅާވެގެންދާނެއެވެ.

ކޭމްޕް ނައުގައި އެސްޕަންޔޯލްއާ ދެކޮޅަށް ކުޅުނު މެޗްގައި ފެނިގެންދިޔަ ހަމައެކަނި ގޯލް ސުއަރޭޒް ޖެހީ މެޗްގެ 56 ވަނަ މިނެޓުގައެވެ.

މި މެޗުން ބަލިވުމުން އެސްޕަންޔޯލް ވަނީ ދެވަނަ ޑިވިޝަނަށް ރެލިގޭޓްވެފައެވެ. ތާވަލުގެެ ފުލުގައި އެޓީމް އޮތީ 35 މެޗުން ލިބުނު 24 ޕޮއިންޓާއެކުއެވެ.

ރޭގެ މެޗުން ބަލިވެ ރެލިގޭޓްވި ނަމަވެސް ބާސާ އަށް ވުރެ ރަނގަޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފެއްދީ އެސްޕަންޔޯލް އިންނެވެ. މެޗްގެ ފުރަތަމަ ހާފުގައި އެ ޓީމްގެ އެޑްރިއަން އެމްބާބާ ފޮނުވާލި ބޯޅައެއް ބާސާގެ ކީޕަރު ޓާ ސްޓެގަން މަތަކުރިއިރު ހާފް ނިމެން ގާތްވެފައި ވަނިކޮށް ލެފްޓް ބެކް ޑިޑަކް ވިޔާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ފުރަތަމަ ހާފުގައި އިދިކޮޅު ގޯލާ އަމާޒުކޮށް ބާސާ އަށް ބޯޅައެއް ފޮނުވާނުލެވުނު އިރު އެޓީމަށް އިތުރު މައްސަލަތަކާ ކުރިމަތިވީ ދެވަނަ ހާފުގެ ކުރީކޮޅު ޒުވާން ފޯވަޑް އަންސޫ ފާޓީ އަށް ރެފްރީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުންނެވެ.

ކުޅެން އެރިތާ ފަސް މިނެޓު ނުވަނީސް ފާޓީ ދަނޑުން ފައިބަން ޖެހުނީ އެސްޕަންޔޯލްގެ ފަރްނާންޑޯ ކަލޭރޯ އަށް ކުރި ފައުލަކާ ގުޅިގެންނެވެ. މި ފައުލާ ގުޅިގެން ފުރަތަމަ ރީނދޫ ކާޑު ދެއްކުމަށްފަހު ރެފްރީ އޭނާގެ ނިންމުން ރަތަކަށް ބަދަލު ކުރީ ވީއޭއާރުގެ އެހީ ހޯދުމަށްފަހުއެވެ.

ފާޓީގެ ރަތް ކާޑަށް ދެ މިނެޓް ނުވަނީސް އެސްޕަންޔޯލް ވެސް 10 ކުޅުންތެރިންނަށް މަދުވީ އެޓީމްގެ ފޯވަޑް ޕޮލް ލޮޒާނޯ ބާސާގެ ޖެރާޑް ޕީކޭ އަށް ކުރި ފައުލަކާ ގުޅިގެން އޭނާ އަށް ރެފްރީ ރަތް ކާޑު ދެއްކުމުންނެވެ. ލޮޒާނޯ އަށް ވެސް ފުރަތަމަ ރީނދޫ ކާޑު ދެއްކުމަށްފަހު ވީއޭއާރު ބެލުމަށްފަހު ރެފްރީ އެ ނިންމުން ބަދަލު ކުރީއެވެ.

ބާސާ އަށް ދެން ކުރިއަށް އޮތީ ރެއާލް ވަލަޑޮލިޑާ ދެކޮޅަށް އަންނަ ހޮނިހިރު ދުވަހު ކުޅެން އޮތް މެޗެވެ.