ސްޕެއިންގެ ތަރި ޑޭވިޑް ސިލްވާގެ މޮޅު ކުޅުމާއި އެކު މެންޗެސްޓާ ސިޓީއިން ބޯންމައުތުގެ މަށްޗަށް ހަނި ގޮތަކަށް ކާމިޔާބު ހޯދައިއެވެ.

ރޭ އިންގްލިޝް ޕްރިމިއާ ލީގުގައި ބޯނެމޮތް އާއި ސިޓީ ބައްދަލު ކުރި މެޗު ސިޓީއިން ކާމިޔާބު ކުރީ 2-1 ގެ ނަތީޖާ އަކުންނެވެ. މި މެޗުގައި ސިޓީއިން ކާމިޔާބު ކުރި ދެ ލަނޑަކީވެސް ސިލްވާގެ އެހީތެރި ކަމާއި އެކު ކާމިޔާބު ކުރި ދެ ލަނޑެވެ.

ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު ލިބުނު ހިލޭ ޖެހުމެއްގައި ސިލްވާ ކާމިޔާބު ކުރީ ރީތި ގޮތަކަށް މަތީ ދަނޑީގައި ބޯޅަ ޖައްސާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި ގެންނެވެ. ސިޓީގެ ދެވަނަ ލަނޑު ފުރަތަމަ ހާފް ނިމެން ދަނިކޮށް ގެބްރިއަލް ޖީސަސް ކާމިޔާބު ކުރި އިރު މިއީ އޭނާ ސިޓީއަށް ކުޅެދިން 100 ވަނަ މެޗެވެ. މި ލަނޑަކީ ޑޭވިޑް ސިލްވާ ހޯދައިދިން ފުރުސަތެއް ގައި އޭނާ ކާމިޔާބު ކުރި ލަނޑެކެވެ. މިއީ ސިލްވާގެ މިސީޒަންގެ 10 ވަނަ އެސިސްޓެވެ.

މެޗުގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ 2-0 ގެ ނަތީޖާ އަކުން ސިޓީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފްގައި ބޯނެމޯތް އިން ސިޓީގެ ގޯލަށް ނުރައްކާތެރި ކުރި އިރު އެ ޓީމުން ކާމިޔާބު ކުރި ލަނޑެއް ވަނީ އޮފްސައިޑް ކަމަށް ނިންމާފައެވެ. ނަމަވެސް މެޗު ނިމެން ދަނިކޮށް 88 ވަނަ މިނަޓް ގައި ބޯންމައުތުގެ ޑޭވިޑް ބްރޫކްސް ވަނީ ވިލްސޮން ހޯދައިދިން ފުރުސަތެއް ގައި ލަނޑެއް ކާމިޔާބުކޮށް ފަރަގު ކުޑަ ކޮށްފައެވެ.

މި މެޗުން ބޯންމައުތު ބަލިވުމާއި އެކު އެ ޓީމުން ވަނީ ރެލިގޭޓް ވުމާއި ގާތްވެފައެވެ. ސިޓީއިން މި މެޗުގައި ލިބުނު 3 ޕޮއިންޓާއި އެކު ތާވަލްގެ ދެވަނާގައި އޮތީ 75 ޕޮއިންޓާއި އެކުގައެވެ.