ރޭ އިންގްލިޝް ޕްރިމިއާ ލީގުގައި ޗެލްސީ ބަލިކުރި މެޗަށްފަހު ލިވަޕޫލްއިން ޕްރިމިއާ ލީގު ތަށި އުފުލާލައިފި އެވެ.

ލީގުގައި ލިވަޕޫލް އަދި ޗެލްސީއާ ދެކޮޅަށް ކުޅެ މި މެޗު ކާމިޔާބު ކުރީ 5-3 ގެ ނަތީޖާ އަކުންނެވެ.

ލިވަޕޫލްގެ އަމިއްލަ ދަނޑު ގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފް ގައި ހަތަރު ލަނޑު ފެނިގެން ދިޔައެވެ. މެޗުގެ ފުރަތަމަ ލަނޑު ލިވަޕޫލްގެ ކެއިޓާ ކާމިޔާބު ކުރިއިރު 28 ވަނަ މިނެޓްގައި އާނޯލްޑް ވަނީ ލިވަޕޫލްގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ.

މެޗުގެ ތިންވަނަ ލަނޑު ސަލާހުގެ އެހީތެރި ކަމާއި އެކު ވިޖްނަލްޑަމް ކާމިޔާބު ކުރި އިރު ފުރަތަމަ ހާފް ނިމެން ވަނިކޮށް ޗެލްސީގެ އޮލިވާ ގިރޮޑް ވަނީ ޗެލްސީގެ ފުރަަތަމަ ލަނޑު ކާމިޔާބު ކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފް 3-1 ގެ ނަތީޖާ އަކުން ލިވަޕޫލް ކުރީގައި އޮތް އިރު ދެވަނަ ހާފްގެ 55 ވަނަ މިނެޓްގައި ފިރްމީނޯ ވަނީ ލިވަޕޫލްގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ. މެޗުގެ 61 ވަނަ މިނެޓްގައި ޓެމީ އަބްރަހަމް ޗެލްސީގެ ދެވަނަ ލަނޑު ކާމިޔާބު ކުރި އިރު 73 ވަނަ މިނެޓްގައި ޕުޔުލިސިކް ވަނީ ލަނޑެއް ކާމިޔާބުކޮށް ލީޑު އެއްލަނޑަށް ކުޑަކޮށްފައެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފަހު ލަނޑު ކާމިޔާބު ކުރީ ލިވަޕޫލްގެ ޒުވާން ޑިފެންޑާ އާނޯލްޑެވެ. މި މެޗަށްފަހު ލިވަޕޫލްއިން ވަނީ 30 އަހަރަށްފަހު އެ ޓީމުގެ ފުރަތަމަ ޕްރިމިއާ ލީގު ތަށި އުފުލާލާފައެވެ.

ލިވަޕޫލްގެ ކެޕްޓަން ހެންޑްރިސޮން ޓްރޮފީއާއި ހަވާލްވި އިރު ލިވަޕޫލްއަށް ޓްރޮފީ ހަވާލް ކުރީ އެ ޓީމުގެ ލިޖަންޑް ސާރ ކެނީ ޑަލްގިޝްއެެވެ. ޑަލްގިޝް އަކީ ލިވަޕޫލް އެންމެ ފަހުން 1990 ވަނަ އަހަރު ލީގު ކާމިޔާބު ކުރިއިރު އެ ޓީމުގެ މެނޭޖަރެވެ.