ރޭ އިޓާލިއަން ލީގުގައި އިންޓަ އާއި ޖެނޯއާ ބައްދަލު ކުރި މެޗު އިންޓައިން ކާމިޔާބުކޮށް ތާވަލްގެ ދެވަނައަށް ޖެހިލައިފިއެވެ. މި މެޗުން އިންޓަ މިލާން މޮޅުވުމާއި އެކު އެ ޓީމުން ވަނީ އެއްވަނާގައި އޮތް ޔުވެންޓަސް އާއި ހަތަރު ޕޮއިންޓަށް ފަރަގު ކުޑަކޮށް ލީގު ހޯދުމުގެ އުއްމީދު އާކޮށް ފައެވެ.

އިންޓައަށް ލީގުގައި އަދި ބާކީ ދެމެޗު ކުޅެން އޮތް އިރު އެ ޓީމު މިހާރު ތާވަލްގެ ދެވަނާގައި އޮތީ 76 ޕޮއިންޓާއި އެކުގައެވެ. ރޭ ޖެނޯއާގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އިންޓައިން ކާމިޔާބު ކުރީ 3-0 ގެ ނަތީޖާ އަކުންނެވެ. މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުގެ ފަރާާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ އިރު 34 ވަނަ މިނެޓް ގައި ރޮމިއޯ ލުކާކޫ ވަނީ މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ 1-0 ގެ ނަތީޖާ އަކުން އިންޓަ ކުރީގައި އޮވެގެންނެވެ. މެޗުގެ ދެވަނަ ހާފްގައި އިންޓައިން ނުރައްކާތެރި ހަމަލާތަކެއް އުފެއްދި އިރު މެޗު ނިމެނިކޮށް ދެ ލަނޑު ކާމިޔާބުކޮށް ވަނީ ލީޑު ފުޅާކޮށް ފައެވެ.

83 ވަނަ މިނެޓް ގައި މޮސެސްގެ އެހީތެރިކަމާއި އެކު އެލްކްސިސް ސަންޗޭޒް މެޗުގެ ދެވަނަ ލަނޑު ކާމިޔާބު ކުރި އިރު ފަހު ލަނޑަކީ ބްރޮޒޮވިކްގެ އެހީތެރިކަމާއި އެކު ލުކާކޫ ކާމިޔާބު ކުރި ލަނޑެކެވެ. މި މެޗުން މޮޅުވުމާއި އެކު އިންޓަ ތާވަލްގެ ދެވަނައިގައި އޮތީ ތިން ވަނައިގައި އޮތް އެޓަލަންޓާ އަށް ވުރެން އެއް މެޗު އިތުރަށް ކުޅެގެންނެވެ.