ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލްގެ ދެވަނަ ލެގުގައި ރެއާލް މެޑްރިޑާއި ބައްދަލުކުރި މެޗަށްފަހު ރެފްރީ އަށް އަމާޒުކޮށް ޔުވެންޓަސްގެ ގޯލްކީޕަރު ޖިއާންލުއިޖީ ބުފޮން ދެއްކި ވާހަކަތަކުގެ މައްސަލަ ބަލަން ޔޫރަޕްގެ ފުޓްބޯޅައާ ބެހޭ މައި އިދާރާ ކަމަށްވާ ޔޫއެފާ އިން ނިންމައިފިއެވެ.

ރެއާލް އާއި ޔުވެންޓަސް ބައްދަލުކުރި ކުއާޓާގެ ފުރަތަމަ ލެގުގެ މެޗު 0-3 އިން ރެއާލް އިން ކާމިޔާބުކޮށްފައިވަނިކޮށް ދެވަނަ ލެގުގައި ޔުވެންޓަސް އިން ވަނީ ރެއާލް ކޮޅަށް ތިން ގޯލު ކާމިޔާބުކޮށް އެގްރިގޭޓް ނަތީޖާ 3-3 އިން އެއްވަރުކޮށްފައެވެ. ނަމަވެސް ދެވަނަ ލެގުގެ މެޗުގެ 90 މިނެޓްގެ ކުޅުން ހަމަވާން ކައިރިވެފައިވަނިކޮށް އެ މެޗުގެ ރެފްރީ މައިކަލް އޮލިވާ ވަނީ ރެއާލް އަށް ޕެނަލްޓީއެއް ދީފައެވެ. އެ ޕެނަލްޓީ ކާމިޔާބުކޮށް އެ މެޗުން ރެއާލް މޮޅުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

ރެފްރީ އެ ޕެނަލްޓީ ދިނީ ރެއާލްގެ ވަޒްކުއޭޒް އަށް ގޯލު ކުރިމަތިން ޔުވެންޓަސްގެ މެހްދީ ބެނާޓިއާ ކުރި ފައުލަކާ ގުޅިގެންނެވެ. އެ ޕެނަލްޓީ ދިނުމުން ބުފޮން ހިތްހަމަނުޖެހުން ފާޅުކުރިއިރު ރެފްރީ ވަނީ އޭނާ އަށް ރަތްކާޑެއް ވެސް ދައްކާފައެވެ.

އަދި މެޗަށްފަހު ބުފޮން ވަނީ ރެފްރީ އަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެގޮތުން ބުފޮން ބުނީ އޮލިވާގެ ހިތެއް ނެތް ކަމަށާއި އޭގެ ބަދަލުގައި އޮތީ ކުނި ކޮތަޅެއް ކަމަށެވެ.

އޮލިވާ އަށް އަމާޒުކޮށް ދެއްކި އެ ވާހަކަތަކާ ގުޅިގެން ބައެއް ފަރާތްތަކުން ބުފޮން އަށް ފާޑު ކިޔާފައިވާއިރު ޔޫއެފާ އިން ބުނީ އެ މައްސަލަ ބަލަން ނިންމީ މެޗަށްފަހު ބުފޮންގެ އަމަލުތައް ހުރީ ޔޫއެފާގެ އަހުލާގީ މިންގަނޑާ ހިލާފަށް ކަމަށް ބުނެއެވެ. މީގެއިތުރުން ޔޫއެފާ އިން ވަނީ ބުފޮން އަށް ރަތްކާޑު ދެއްކި މައްސަލަ ވަކިން ބެލުމަށް ނިންމާފައެވެ.

މި ދެ މައްސަލައާ މެދު ޔޫއެފާގެ ޑިސިޕްލިނަރީ ބޯޑުން މި މަހުގެ 31 ވަނަ ދުވަހު ގޮތެއް ނިންމާނެއެވެ.

ބުފޮންގެ މައްސަލަ ބަލަން ޔޫއެފާ އިން ނިންމިއިރު މި ސީޒަނަށްފަހު ކުޅުން ހުއްޓާލުމުގެ އިޝާރާތެއް ބުފޮން ވަނީ ދާދިފަހުން ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދޮންކަލޯ

    އަދިވެސް ބުފަން ގެ މައްސަލަތަ ބަލަނީ. ކޮރަޕްޓްވެފަ އޮތްތަނެކޭތީ. ދުނިޔޭގެ އެންމެ ކޮރަޕްޓް ދެތަނަކީ ފީފާ އާއި ޔޫއެފާ.