ޔުއެފާ އިން ހޮވާ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް ކަރިމް ބެންޒެމާ ހޯދައިފިއެވެ.

މި އެވޯޑް ބެންޒެމާ ހޯދާފައި ވަނީ ރެއާލްގެ ބެލްޖިއަމް ކީޕަރު ތިބޯ ކޯޓުއާގެ އިތުރުން މެންޗެސްޓާ ސިޓީގެ ބެލްޖިއަމް މިޑްފިލްޑަރު ކެވިން ޑިބްރޭނާއާ ވާދަ ކޮށްގެންނެވެ.

ބެންޒެމާ ވަނީ ފާއިތުވެދިޔަ ސީޒަނުގައި ރެއާލްގައި މޮޅު ކުޅުމެއް ދައްކައި، އެޓީމާއެކު ސްޕެނިޝް ލީގު އަދި ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައެވެ. އަދި އޭނާ ވަނީ ޗެމްޕިއަންސް ލީގުގައި މިދިޔަ ސީޒަނުގައި ކުޅުނު 12 މެޗުގައި 15 ލަނޑު ކާމިޔާބު ކޮށްފައެވެ.

ޔުއެފާގެ މޮޅު ކުޅުންތެރިޔާގެ މަގާމު ބެންޒެމާ ހޯދާފައިވާއިރު، އަންނަ އޮކްޓޫބަރު މަހު ހޮވާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ލިބޭނީ އޭނާއަށް ކަމަށް ވަނީ ބެލެވިފައެވެ.

ޔުއެފާގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ބާސެލޯނާގެ އެލެކްސިއާ ޕުޓެލަސްއެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި ބާސާ ޗެމްޕިއަންސް ލީގު ފައިނަލަށް ގެންސްދީފައެވެ.

ޔުއެފާގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމަށް ވާދަކުރީ އާސެނަލްގެ ބެތު މެޑް އަދި ލީނާ އޯބެޑޯފްއެވެ.

މީގެއިތުރުން ޔުއެފާގެ އެންމެ މޮޅު ފިރިހެން ކޯޗަކަށް ރެއާލްގެ ކާލޯ އެންޗޮލޮޓީ ހޮވިފައިވާއިރު، އެންމެ މޮޅު އަންހެން ކޯޗަކަށް ހޮވިފައި ވަނީ އިންގްލޭންޑް ގައުމީ ޓީމުގެ ކޯޗު ސެރީނާއެވެ.