ކުޅުމުން ރިޓަޔަރ ކޮށްފައިވާ ފުޓުބޯޅަ ކުޅުންތެރިންނަށް އަމާޒުކޮށްގެން އެފްއޭއެމް އާއި މޯލްޑިވްސް ސޮކާ މޭޓްސް ގުޅިގެން ކޮންމެ ރަމަޟާން މަހަކު ބާއްވަމުން އަންނަ ވެޓަރަންސް ކަޕް ފުޓުބޯޅަ މުބާރާތުގެ ގުރުއަތުލުން ބާއްވައިފިއެވެ.

ޖުމްލަ ހަތް ޓީމް ވާދަކުރާ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހަފްތާގެ ހޮނިހިރު ދުވަހު އެވެ. މުބާރާތް ފެށުމުގެ ގޮތުން ކުޅެވޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ދިވެހި ސިފައިންގެ ކުލަބެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިޔަށްގެންދާ މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ ވެލެންސިއާ، އީގަލްސް، މާޒިޔާގެ އިތުރުން ޕޮލިސް ކްލަބެވެ. ގްރޫޕް ބީގައި ހިމެނެނީ ނިއުރޭޑިއަންޓް، ދިވެހި ސިފައިންގެ ކްލަބް އަދި ވިކްޓަރީ އެވެ.

އެންމެ މޮޅު ހަތަރު ޓީމު ދެވަނަ ބުރަށް ދާ ގޮތައް ކުރިޔަށްދާ މުބާރާތުގެ ފައިނަލަށް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ޖޫން މަހުގެ 13 ވަނަ ދުވަހު އެވެ.

40 އަހަރުން މަތީގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ކުރިޔަށްގެންދާ މި މުބާރާތުގައި ކޮންމެ ޓީމަކަށް 35 އަހަރާއި 39 އަހަރާއި ދެމެދުގެ ތިން ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު އޮވެއެވެ.

ރާއްޖޭގައި އުފެދުނު މަޝްހޫރު ކުޅުންތެރިންގެ ހުނަރުވެރިކަން ފެނިގެންދާ މި މުބާރާތަކީ ވަރަށް ފޯރިގަދަ އަދި ގިނަ ބަޔަކު ބަލާ މުބާރާތެކެވެ.

މި މުބާރާތުގެ އެއްމެ ކާމިޔާބު ޓީމަކީ ވެލެންސިއާ އެވެ. އެ ޓީމުން ވަނީ ހަތަރު ފަހަރެއްގެ މަތިން މި މުބާރާތް ކާމިޔާބު ކޮށްފަ އެވެ.