ގެރެތް ބޭލްގެ ދެ ގޯލާއެކު ސްޕެނިޝް ލީގުގައި ރޭ ސެލްޓަ ވީގޯގެ މައްޗަށް 0-6 ގެ ތަފާތު ބޮޑު ނަތީޖާއަކުން ރެއާލް މެޑްރިޑުން ކުރި ހޯދައިފިއެވެ.

ރޭގެ މޮޅާއެކު ލީގުގެ ތިންވަނައިގައި ރެއާލް އޮތީ 75 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި 78 ޕޮއިންޓާ އެކު އެތްލެޓިކޯ މެޑްރިޑް އޮތްއިރު އެއްވަނައިގައި 90 ޕޮއިންޓާ އެކު އޮތީ ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ ބާސެލޯނާއެވެ.

ރެއާލްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި އެޓީމުގެ ފުރަތަމަ ގޯލުގެ މެޗުގެ 13 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ބޭލްއެވެ. އަދި މެޗުގެ 30 ވަނަ މިނެޓްގައި ރެއާލްގެ ދެވަނަ ގޯލުވެސް ކާމިޔާބުކޮށްދިނީ ބޭލް ކަމަށްވާއިރު އޭގެ ދެ މިނެޓްފަހުން އިސްކޯ ވަނީ ރެއާލްގެ ލީޑު ފުޅާކޮށްދީފައެވެ.

ރެއާލްގެ ހަތަރުވަނަ ގޯލު ދެވަނަ ހާފްގެ ކުރީކޮޅު ހަކީމީ ކާމިޔާބުކޮށްދިން އިރު އެޓީމުގެ ފަސްވަނަ ގޯލަކީ ސެލްޓާގެ ސާޖީ ގޮމޭޒް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. ރެއާލްގެ ހަވަނަ ގޯލު މެޗުގެ 81 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޓޯނީ ކްރޫސްއެވެ.

ބޮޑު މޮޅެއް ރެއާލް އިން ރޭ ހޯދިއިރު އަނިޔާގެ ސަބަބުން މި މެޗުގައި ވެސް އެޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިއާ ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެފައެއް ނުވެއެވެ. ނަމަވެސް ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗަށް ރޮނާލްޑޯ ފިޓުވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރޭގެ މެޗަކީ މި ސީޒަނުގެ ސްޕެނިޝް ލީގުގައި ރެއާލްގެ އަމިއްލަ ދަނޑުގައި އެޓީމުން ކުޅުނު ފަހު މެޗެވެ. ލީގުގެ ފަހު މެޗުގައި އަންނަ ހަފްތާގައި ރެއާލް ނިކުންނާނީ ވިޔަރެއާލްއާ ދެކޮޅަށެވެ.