ފްރާންސް ލީގު އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާ އަކަށް ނޭމާ ހޮވިއްޖެއެވެ.

ޕީއެސްޖީ އިން ވަނީ އާދިއްތަ ދުވަހު ބޭއްވުނު އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ގިނަ އެވޯޑުތައް ހޯދާފައެވެ. މިގޮތުން ކިލިއަން އެމްބާޕޭ ވަނީ އަހަރުގެ އެންމެ ޒުވާން ކުޅުންތެރިޔާގެ އެވޯޑު ހޯދާފައެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ރެކޯޑު އަދަދެއް ކަމަށްވާ 222 މިލިއަން ޔޫރޯ އަށް ނޭމާ ޕީ އެސްޖީ އަށް ގެނައީ ބާސެލޯނާ އިންނެވެ. މިވަގުތު އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރި ނޭމާ މި އެވޯޑު ހޯދާފައި ވަނީ 20 މެޗުގައި 19 ގޯލު ޖަހައި 13 އެސިސްޓު ކޮށްގެންނެވެ.

ހަތަރު އަހަރުގެ ތެރޭގައި ތިން ވަނަ ފަހަރަށް ޕީ އެސްޖީ އިން ވަނީ ފްރާންސް ގެ ހުރިހާ ތަށިތައް އުފުލާފައެވެ.

ސީޒަނުގައި ތިން ތަށި ހޯދުމަށްފަހު ލީގުގެ އެންމެ މޮޅު ކޯޗު ކަމުގެ އެވޯޑު ހޯދި ކަމުގައި ވީނަމަވެސް ޕީ އެސްޖީ އަށް ޗެމްޕިއަންސް ލީގުގައި ދިމާވެފައިވާ ދަތި ކަމާއިހުރެ ކޯޗު މި އަންނަ ސީޒަނުގައި ހުންނާނެ ހެން ހީނުވާ ކަމަށް ގިނަ ރިޕޯޓުތަކުން ބުނެއެވެ.

އެވޯޑް ދިނުމުގެ ހަފުލާގައި ޗެލްސީގެ މެދުތެރެއަށް ކުޅޭ އެންގޮލޯ ކަންޓޭ އަށް ވެސް ވަނީ އެވޯޑެއް ލިބިފައެވެ. ކަންޓޭ އަށް ލިބިފައި ވަނީ ފްރާންސަށް ނިސްބަތްވާ ފްރާންސް އިން ބޭރުގައި ކުޅޭ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑެވެ.