ސްޕޯޓްސް ކޯޕަރޭޝަންގެ ވެބްސައިޓާއި އެ ކުންފުނިން ނެރުމަށް ހަމަޖެހިފައިވާ 'ކުޅިވަރު' މަޖައްލާ މިއަދު އިފްތިތާހުކޮށްފިއެވެ.

ސްޕޯޓްސް ކޯޕަރޭޝަންގެ ވެބްސައިޓް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ ރައްޔިތުން މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) އެވެ. އަދި "ކުޅިވަރު" މަޖައްލާ އިފްތިތާހު ކޮށްދެއްވީ ސްޕޯޓްސް ކޯޕަރޭޝަންގެ ބޯޑުގެ ޑިރެކްޓަރު މުހައްމަދު ފިޝާވިންއެވެ.

ސްޕޯޓްސް ކޯޕަރޭޝަނުން ވިދާޅުވީ ވެބްސައިޓު ލޯންޗްކުރުމުގެ މަގުސަދަކީ ސްޕޯޓްސް ކޯޕަރޭޝަނުން ހިންގާ އެންމެހައި ކަންތައްތަކާއި އަދި ކުރިއަށް ރޭވިފައި ހުރި ކަންތައްތައް ހުރިހާ ފަރާތްތަކަށް ފަސޭހަކަމާއެކު ފޯރުކޮށްދެވޭނެ ޕްލެޓްފޯމެއް ގާއިމުކުރުން ކަމަށެވެ.

މި ވެބްސައިޓު މެދުވެރިކޮށް ސްޕޯޓްސް ކޯޕަރޭޝަނުން ހިންގާ އިވެންޓުތަކާއި ނޫސްބަޔާނާއި އިއުލާންތަކާއި ކުޅިވަރު ހަބަރުތަކާއި އެ ކުންފުނީގެ ފަރާތުން ހުޅުވާލާ ވަޒީފާގެ ފުރުސަތުތަކާއި ބެހޭ މައުލޫމާތު ލިބިގެންދާނެއެވެ.

މީގެއިތުރުން މިއަދު އިފްތިތާހު ކުރި "ކުޅިވަރު" މަޖައްލާ އަހަރަކު ދެ ފަހަރު ނެރުމަށް ނިންމާފައިވާ ކަމަށްވެސް އެ ކުންފުނިން ވިދާޅުވިއެވެ.