ސްޕޯޓްސް ކޯޕަރޭޝަން އަދި ޔުނިކްސް ސްޕޯޓްސް ގުޅިގެން "ފައިގަތަޅާ ފޯރި" ނަމުގައި މުބާރާތެއް ބާއްވަން އިއުލާންކޮށް، ބައިވެރިވާން ހުޅުވާލައިފިއެވެ.

އެޗްޑީސީ އާއި އާރްޑީސީގެ އެއްބާރުލުމާއެކު މި ހިނގާ ޖޫން މަހުގެ 22 އިން 26 ގެ ނިޔަލަށް ކުރިޔަށްދާ މި މުބާރާތް ހުޅުވާލާފައިވަނީ ހަމައެކަނި ސަރުކާރު އަދި އަމިއްލަ އޮފީސްތަކާއި، ކުންފުނިތަކަށެވެ.

ހުޅުމާލޭގައި ކުރިޔަށްގެންދާ މި މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މި މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 12 ގައި ހަމަވާއިރު، ވީހާވެސް ގިނަ ޓީމުތަކުން ބައިވެރިވުމަށް މުބާރާތް އިންތިޒާމު ކުރާ ފަރާތްތަކުން ވަނީ އެދިފައެވެ.

ޔުނިކްސް ސްޕޯޓްސްގެ ސޯޝަލް މީޑިއާ އެކައުންޓްތައް މެދުވެރިކޮށް، އަދި ވަޓްސްއެޕް މެދުވެރިކޮށް 9998408 / 7388536 އަށް މެސެޖްކޮށްގެން ރަޖިސްޓްރޭޝަންގެ ކަންކަން ކުރިޔަށް ގެންދިޔުމަށް ވަނީ ޔުނިކްސް ސްޕޯޓްސް އިން އެދެއެވެ.

މި މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމެއްގައި 12 ކުޅުންތެރިން އަދި ދެ އޮފިޝަލެއް ހިމެނެން ޖެހޭއިރު، މުބާރާތް ކުރިޔަށް ގެންދާނީ ރާއްޖޭގެ ސްޓައިލަށް ފިޓްވާ ގޮތަށެވެ.