ސްޕޯޓްސް ކޯޕަރޭޝަން އަދި ޔުނިކް ސްޕޯޓިން ގުޅިގެން "ފައިގަތަޅާ ފޯރި" ނަމުގައި ބާއްވާ މުބާރާތަށް ބޮޑު ތަރުހީބެއް ލިބި، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އާންމުންނަށްވެސް ހުޅުވާލައިފިއެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ކުރިން ފުރުސަތު ހުޅުވާލައި ވަނީ ސަރުކާރު އަދި އަމިއްލަ ކުންފުނިތަކާއި، އޮފީސްތަކަށެވެ. ނަމަވެސް ގިނަ އަދަދެއްގެ އާންމުންގެ އެދުމާއެކު މުބާރާތުގައި ބައިވެރިވުމަށް އާންމުންންނަށް ހުޅުވާލެވިފައިވާ ކަމަށް ޔުނިކްސް ސްޕޯޓިންއިން ބުނެއެވެ.

ޔުނިކްސް ސްޕޯޓިން އިން ބުނީ، މުބާރާތަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށާއި، މިހާތަނަށް ސަރުކާރު އަދި އަމިއްލަ ކުންފުނިތަކާއި، އޮފީސްތަކުން ޖުމްލަ 32 ޓީމެއް ބައިވެރިވެފައިވާ ކަމަށެވެ.

މުބާރާތުގައި ބައިވެރިވުމަށް ފިރިހެން އަދި އަންހެން ޓީމުތަކަށް ހުޅުވާލާފައިވާއިރު، ބައިވެރިވުމަށް ޓީމް ލިސްޓު ހުށަހެޅުމުގެ މުއްދަތު ވަނީ މި މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 12 ގެ ނިޔަލަށް އިތުރު ކޮށްފައެވެ.

ޔުނިކްސް ސްޕޯޓްސްގެ ސޯޝަލް މީޑިއާ އެކައުންޓްތައް މެދުވެރިކޮށް، އަދި ވަޓްސްއެޕް މެދުވެރިކޮށް 9998408 / 7388536 އަށް މެސެޖްކޮށްގެން ރަޖިސްޓްރޭޝަންގެ ކަންކަން ކުރިޔަށް ގެންދިޔުމަށް ވަނީ ޔުނިކްސް ސްޕޯޓްސް އިން އެދެއެވެ.

މި މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމެއްގައި 12 ކުޅުންތެރިން އަދި ދެ އޮފިޝަލެއް ހިމެނެން ޖެހޭއިރު، މުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މި ހިނގާ ޖޫން މަހުގެ 22 އިން 26 ގެ ނިޔަލަށް ހުޅުމާލޭގައެވެ.

މުބާރާތުގެ ފިރިހެން އަދި އަންހެން ބައިގެ ޗެމްޕިއަންއަށް 10،000 ރުފިޔާ ކަނޑައަޅާފައިވާއިރު، އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ސޮނީ ސްޕޯޓްސް އިން ގިފްޓް ވައުޗާއެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.