މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން އުވާލުމަށް އެދި ކުޅިވަރާ ބެހޭ ގާނޫނު އިސްލާހު ކުރަން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފިއެވެ.

ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒު ހުށަހެޅުއްވި އިސްލާހުގެ ބިލުގެ އިބްތިދާއީ ބަހުސް ނިންމައި އެ ބިލު އިތުރަށް ދިރާސާ ކުރަން ކޮމިޓީއަށް ފޮނުވަން މިއަދު ވަނީ ވޯޓަށް އަހައިފައެވެ.

އެގޮތުން އެ ބިލު ބަލައިގަންނަން 42 މެމްބަރުން ވޯޓު ދެއްވި އިރު ނުވަ މެމްބަރުން ވޯޓެއް ނުދެއްވައެވެ. އަދި އެއް މެމްބަރަކު ވަކި ކޮޅަކަށް ވޯޓު ނުދެއްވައެވެ.

އެ ބިލު ބަލައިގަނެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ފޮނުވައިފައެވެ.

ނިޔާޒު ވަނީ މޯލްޑިވްސް ކޯޕަރޭޝަން އުވާލުމުގެ ގާނޫނުގެ ހަތަރު ވަނަ ބާބު އުވާލުމަށް އިސްލާހު ހުށަހަޅުއްވާފައެވެ.

ކުޅިވަރުގެ ގާނޫނަށް އިސްލާހު ހުށައެޅި މަގުސަދުގެ ތެރޭގައި ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ހުރިހާ އުމުރުފުރާތަކެއްގެ ކުޅިވަރުގެ އެންމެހާ ހަރަކާތްތައް އެއް އޮނިގަނޑެއްގެ ދަށުން ބައްޓަން ކުރުން ހިމެނެއެވެ.

އެގޮތުން ރާއްޖޭގެ ގައުމީ ކުޅިވަރުގެ އޮނިގަނޑު އެކުލެވޭނީ ސްކޫލް ކުޅިވަރު، ވާދަވެރި ނޫން ކުޅިވަރު ވާދަވެރި ކުޅިވަރުގެ މައްޗަށް ކަމަށް ވަނީ ބުނެފައެވެ.

އަދި އެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ސަގާފީ ހަރަކާތްތައް އުނިކުރަން ވަނީ ހިމަނާފައެވެ.

މީގެ އިތުރުން ގިންތިތަކެއް ކަނޑައަޅައި އެ ގިންތީގެ ކުޅިވަރު ޖަމްއިއްޔާއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭ ގޮތަށް އެ އިސްލާހުގައިވެއެވެ.

އޭގެ ތެރޭގައި ގައުމީ ކުޅިވަރު ފެޑަރޭޝަންތަކާއި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި ސަރަހައްދީ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިތުރުން ކުޅިވަރު އެސޯސިއޭޝަންތަކާއި ކުޅިވަރު ކްލަބްތަކާއި ކުޅިވަރު އެކަޑަމީތައް ހިމެނެއެވެ.