ހަތަރު ރަށެއްގެ ފަތާ ޓްރެކް ހެދުމުގެ މަޝްރޫއު ނިންމާލައިފިއެވެ.

މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަހުމަދު މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ސ. ފޭދޫ އާއި ސ. މީދޫ އަދި ހދ. ކުޅުދުއްފުށީގެ އިތުރުން ހއ. ދިއްދޫގައި ސަރުކާރުން ކުރިއަށް ގެންދިޔަ ފަތާ ޓްރެކް ގާއިމްކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމިފައިވާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިކަމުގެ ސަބަބުން، ފެތުންތެރިންތަކެއް އުފެއްދިދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި މި ފަތާ ޓްރެކްޓައް ބޭނުންކޮށްގެން ވީހާވެސް ގިނަ ބަޔަކު ދުޅަ ހެޔޮ ސިއްހަތެއްގައި ތިބޭނެ ކަމަށްވެސް އުންމީދު ކުރައްވާކަމަށާއި، އެކަމާއި އުފާވާ ކަމަށް މިނިސްޓަރ މަހުލޫފް ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ އަންނަ އަހަރުގެ ތެރެގައި އެހެން ރަށް ރަށުގައިވެސް ފަތާ ޓްރެކްޓަކެއް ގާއިމް ކުރެއްވުމަށް އަމާޒުކުރާ ކަމަށެވެ.

މާލޭ ފަތާ ޓްރެކްގެ މަސައްކަތްވެސް އަންނަ ނޮވެމްބަރު މަހާއި ހިސާބަށް ނިމޭނެ ކަމަށް މަހްލޫފް ވަނީ ވިދާޅުވެފައެވެ.

ޒަމާނީ ފެންވަރެއްގައި ތަރައްގީ ކުރާ މާލޭ ފަތާ ސަރަހައްދުގައި ފާހަނަ ބަރިއަކާއި މޫދުން އަރާ ގޮތަށް ރީތި ފެނުން ފެންވެރޭނެ އިންތިޒާމުގެ އިތުރުން ޗޭންޖިން ރޫމެއްވެސް ހަދާ ގޮތަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ހިޔާވެފައިވާ ތަނެއްގައި އިށީނދެގެން ތިބެވޭނެ ސިޑިބަރިއެއް ބެހެއްޓުމަށްވެސް ވަނީ ހަމަ ޖެހިފައެވެ.

ކަސްރަތާ އެހެން ކުޅިވަރުތައް ކުޅެވޭފަދަ ތަންތަން ގާއިމް ކުރުމަކީ މި ސަރުކާރުގެ ހަށިހެޔޮ، ދުޅަހެޔޮ ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެގޮތުން މިހާރުވެސް ފުޓްބޯޅަ ދަނޑު ގާއިމްކުރުމާއި، އައުޓް ޑޯރ ޖިމްފަދަ ތަންތަން ރަށްރަށުގައި އަދި މާލޭގައި ގާއިމްކުރުމުގެ މަސައްކަތްތައް ސަރުކާރުން ކުރަމުން އެބަ ގެނެދެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޯކިބާ

    ފޮޓޯއިން އެފެންނަނީ މާލެއިންބޭރުގަ މާލޭސަރުކާރުން މަގުހެދީމަ އޮންނަގޮތް. ގޮށްޖެހިފަ އޮންނަނީ. މާލޭމީހުން ރަށުގަ ތަންތަން ހަދާއިރު އެހެނެއްނޫން ހުންނަނީ.

  2. ބުކް ވޯމް

    ރަށް ރަށުގަ ކުތުބުޚާނާ އެއް ކަހަލަ ތަނެއް އެޅުން މާ ބުއްދިވެރި!!

    4
    2