އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ވާދަކުރަމުން އަންނަ ރާއްޖޭގެ ފެތުންތެރިން ގައުމީ ރެކޯޑެއް އާކޮށްފިއެވެ.

މި މަހުގެ 25 އިން އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް މަޑަގަސްކަރާގައި ކުރިއަށްދާ އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމުތައް ބައިވެރިވާ މި ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ފެތުންތެރިން ވަނީ ލޯންގކޯސް ފިރިހެނުންގެ 4 ގުނަ 200 މީޓަރު ފްރީ ސްޓައިލް ރިލޭ އިވެންޓްގެ ގައުމީ ރެކޯޑެއް އާކޮށްފައެވެ.

މި ޤައުމީ ރެކޯޑް އައުކުރި ޓީމުގައި ހިމެނެނީ މުޙައްމަދު އާން ހުސައިން، އަލީ އިމްޢާން، މުޙައްމަދު ރިޙާން ޝިހާމް އަދި މުބާލް ޢައްޒާމް އިބްރާހީމެވެ. މި ފެތުންތެރިން ރޭސް ނިންމާފައިވަނީ 08.48.87 އިންނެވެ.

މި ރެކޯޑް އެންމެ ފަހުން އައުކޮށްފައިވަނީ 2016 ވަނަ އަހަރު ބޭއްވުނު 12 ވަނަ ސައުތު އޭޝިއަން ގޭމްސްގައި 09.41.96 އިން ރޭސް ނިންމައިގެންނެވެ. އެ ފަހަރު ގައުމީ ރެކޯޑް އައުކުރި ރިލޭ ޓީމުގައި ހިމެނުނީ؛ އިސްމާއިލް މުޢުތަސިމް އަދްނާން، މުޙައްމަދު ނަޒްރާން ނަޒީރު، ހަސަން އަޝްރަފް އަދި މުބާލް އެވެ.

މިއީ މި މުބާރާތުގައި ދިވެހި ފެތުންތެރިން އައުކުރި ނުވަވަނަ ގައުމީ ރެކޯޑެވެ.