މާލޭގައި ހުންނަ ފަތާ ޓްރެކް ބަންދަކޮށްފައި އޮތުމަށް ފަހު އެތަން އަލުން ހުޅުވައިފިއެވެ.

މޫސޫމީ ބަދަލުތަކާ ގުޅިގެން އެ ތަނުގައ ފެތުން ރައްކާތެރި ނޫން ކަމަށް ކަނޑައަޅައި އެ ޓްރެކް ބަންދުކޮށް ފެތުން މަނާ ކުރީ މި މަހުގެ 10 ވަނަ ދުވަހުއެވެ.

ނަމަވެސް ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު އިއްޔެ ހަވީރު އެ ޓްރެކް އަލުން ހުޅުވާފައިވާ ކަމަށް ސްވިމިން އެސޯސިއޭޝަންގެ ބޭފުޅަކު "ވަގުތަށް" ވިދާޅުވިއެވެ.

އެއާއެކު އެތަނުގައި ފެތުމުގެ ޕްރެކްޓިސްތައް ވެސް ވަނީ އަލުން ފަށައިފައެވެ.

ސްވިމިން ޓްރެކް ބަންދުކުރި އިރު އެތަނުގައި ކޮންމެ ދުވަހަކު ވެސް ގިނަ އަދަދަކަށް ކުނި އޮންނާތީ އާންމުންގެ ޝަކުވާ އޮތީ ވަރަށް ބޮޑުވެފައެވެ.

ނަމަވެސް އެ ތަނުގައި ކޮންމެ ދުވަހަކުވެސް އުޅޭ ސްވިމިން އިންސްޓްރަކްޓަރަކު "ވަގުތަށް" ވިދާޅުވީ ސްވިމިން އެސޯސިއޭޝަނުން އެތަން ރަނގަޅަށް ސާފު ނުކުރާ ކަމަށެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި މި ފަހުން އެ ޓްރެކްއަށް ފަތަން ދިޔަ ކުދިންތަކަކަށް އެކި އެކި ހަމުގެ މައްސަލަތަކެއް ދިމާވެގެން އެ މައްސަލަ ހެލްތު މިނިސްޓްރީއަށް ވެސް ހުށަހެޅިއެވެ.

އެހެންވެ ހެލްތުން ވަނީ އެ ޓްރެކްގެ އެކި ދިމާލުން ފެން ނަގައި ފެން ޓެސްޓުވެސްކޮށްފައެވެ.

ފަތާ ޓްރެކްގައި ކުނި ހުރުމުގެ އިތުރުން އެ ތަނުގައި ބަހައްޓާފައި ހުންނަ ގަޑި މަސައްކަތް ނުކުރާތީވެސް ގިނަ ބަޔަކު ޝަކުވާ ކުރެއެވެ.