މިއަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައި އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ "ވަގުތު" ފުޓްސަލް ޗެލެންޖުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި މުބާރާތުގެ ޖާގަތައް ފުރުމުން، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ބަންދުކޮށްފިއެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލީ މިއަދުން ފެށިގެން އަންނަ މަހުގެ 10 އާއި ހަމައަށެވެ. ނަމަވެސް ހަގަޑިއިރުގެ ތެރޭގައި 30 ޓީމަކުން ވަނީ މުބާރާތުގައި ބައިވެރިވުމަށް އެދި ފޯމް ހުށަހަޅާފައެވެ.

މުބާރާތް އިންތިޒާމުކުރާ ކޮމެޓީގެ އޮފިޝަލަކު "ވަގުތު" އަށް މައުލޫމާތުދެމުން ބުނީ މުބާރާތުގައި ބައިވެރިވާން ގިނަ ޓީމްތަކަކުން ހުށަހެޅުމުން 24 ޓީމަކަށް ފުރުސަތު ދީފައިވާ ކަމަށެވެ. ކުރިން ހަމަޖެހިފައި އޮތީ 20 ޓީމަކަށް ފުރުސަތު ދިނުމަށެވެ.

ފޯމް ހުށަހެޅި ތަރުތީބުން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިނީ މޯލްޑިވިއަން، ފުލުހުން، ގއ.ނިލަންދޫ ޓީމެއް، ފުވައްމުލަކު ތިން ޓީމް، މަރަދޫ ތިން ޓީމް، ފޭދޫ ހަތަރު ޓީމް، ރީތިރަށް ރިސޯޓް، ހިތަދޫން ނުވަ ޓީމް އަދި މަރަދޫފޭދޫން ޓީމެއް ކަމަށެވެ.

ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް މި އަހަރު އެންމެ ފުރަތަމަ ބާއްވަން އުޅުނީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ. އެކަމަކު، ރާއްޖޭގައި ހަލުވިކަމާ އެކު، ކޮވިޑް-19 ފެތުރެމުން އަންނާތީ މުބާރާތް މުއްދަތެއް ނެތް ގޮތަށް ފަސް ކުރިއެވެ.

މުބާރާތް މިހާރު ފެށުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ 3 ވަނަ ދުވައެވެ.

2017 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު އައްޑޫގައި ބާއްވަމުން އަންނަ ވަގުތު ފުޓްސަލް ޗެލެންޖް ކަޕްގައި މިއަހަރު ބައިވެރިވާ ޓީމުތަކަށް ހިލޭ ބައިވެރިވުމުގެ ފުރުސަތާއި ބައިވެރިވާ ޓީމުތަކަށް ޖާސީ ހިލޭ ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

"ވަގުތު" އިން 2017 އިން ފެށިގެން ކޮންމެ އަހަރަކު އައްޑޫ ސިޓީގައި ބާއްވަމުން އަންނަ މުބާރާތުގެ މިފަހަރުގެ ޓައިޓަލް ސްޕޮންސަރަކީ "ޑްރީމްސް ޕިއްޒާ" އެވެ. މުބާރާތުގެ މޭޖާ ސްޕޮންސަރުންގެ ތެރޭގައި ހިމެނެނީ އަލް މުދިޝް އާއި ވީބީ ބްރަދާސް އެވެ. މުބާރާތުގެ އޮފިޝަލް ބޯޅަ ސްޕޮންސަރ ކޮށްފައި ވަނީ ކިންގް ސްޕޯޓްސް އިންނެވެ. އޮފިޝަލް ޕްރިންޓިން ޕާޓްނަރަކީ އައިލެންޑް އެޕަރަލްސްއެވެ.

މި އަހަރުގެ މުބާރާތުގައި ދޭ ފައިސާގެ އިނާމު ވެސް ވަނީ މިދިޔަ އަހަރަށް ވުރެ އިތުރުކޮށްފައެވެ. ފައިސާގެ އިނާމަށް ގެނައި ބަދަލާ އެކު، މުބާރާތުގެ ތިން ވަނަ ހޯދާ ޓީމަށް 30،000ރ. އަދި ރަނަރަޕް ޓީމަށް 75،000ރ. ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަަޖެހިފައެވެ. އަދި މުބާރާތުގެ ޗެމްޕިއަން ޓީމަށް 150،000ރ. ގެ ފައިސާގެ އިނާމެއް ވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ވަގުތު ފުޓްސަލް ޗެލެންޖްގެ 2020ގެ މޮޅު ކުޅުންތެރިއާ އަށް އުމްރާ ދަތުރެއް ދޭން ވަނީ ނިންމާފައެވެ. އުމްރާ ދަތުރު ހުށަހަޅާފައިވަނީ ޓްރެވް ހައްޖު އެންޑް އުމްރާ އިންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހިކަންޖެއް

    މާލޭސަރުކާރުން މާލެތެރޭ ކަންމަތީ ގުރޫޕުތަކަށް ފައިސާދީގެން "ގައުމީ" މުބާރާތުގެ ނަމުގަ އެމީހުނަށް މުބާރާތް ބާއްވަދިނީމަ ފޯރިއެއްނުހިފާ، ކަލޭމެން ތިކުރަނީ ރަނގަޅު މަސައްކަތެއް.