ރޭ ސްޕެއިނިޝް ލަލީގާގައި ރެއާލް މެޑްރިޑް ކުޅުނު ފުރަތަަމަ މެޗުން އެ ޓީމު އެއްވަރު ވެއްޖެ އެވެ.

ރިއަލް ސޮސިއިޑާޑް އާއި ރެއާލް ބައްދަލު ކުރި މި މެޗު ނިމިގެން ދިޔައީ 0-0 ގެ ނަތީޖާ އަކުން އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެވެ. ރެއާލުން ގިނަ ޒުވާން ކުޅުންތެރިން ހިމަނައިގެން މިމެޗަށް ނިކުތްއިރު އެ ޓީމަށް މާ ރަނގަޅު ކުޅުމެއް ދެއްކިފައި ނުވެއެވެ.

މެޗުގެ ފުރަތަމަ ހާފްގައި ރެއާލްގެ ބެންޒިމާއަށް ވަނީ ލަނޑު ޖަހާނޭ ރަނުގެ ފުރުސަތެއް ލިބި ބޭނުން ނުހިފިފައެވެ. ލަނޑު ޖަހާނޭ މާ ރަނގަޅު ފުރުސަތެއް ރެއާލް އަށް ފަހުން ލިބިފައި ނުވާއިރު މި މެޗުގައި މި ސީޒަންގައި ސޮސެއިޑާޑްއާ ގުޅުނު ކުރީގެ މެންޗެސްޓާ ސިޓީގެ މިޑްފީލްޑާ ޑޭވިޑް ސިލްވާ ވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އަރާފައެވެ. މި މެޗުގައި ރެއާލްގެ ޒުވާން ކުޅުންތެރިޔާ މާވިން އޭނާގެ ފުރަތަމަ މެޗު ބަދަލް ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރިއިރު މާ މޮޅު ކުޅުމެއް ދެއްކިފައި ނުވެއެވެ.

މެޗަށްފަހު ރެއާލްގެ ކޯޗު ޒިދާން ބުނީ މެޗުގެ ކުޅުމާއި މެދު ހިތްހަމަ ޖެހޭ ކަމަށާއި ހަމައެކަނި މައްސަލަ އަކީ ލަނޑެއް ނުޖެހުމުން ކަމަށެވެ. "ކުޅުންތެރިން ދެއްކި ކުޅުމާއި މެދު އަހަރެން ވަރަށް ހިތްހަމަ ޖެހޭ، ފުރަތަމަ ހާފްގައި އަހަރެމެނަށް ވަރަށް ރަނގަޅަށް ކުޅެވުނު، ހަމައެކަނި މައްސަލައަކީ ލަނޑެއް ކާމިޔާބު ނުކުރެވުން، ޓީމު ދެއްކި ކުޅުމަށް އަހަރެން އުފާ ކުރަން" ޒިދާން ބުންޏެވެ.

މިމެޗުން އެއްވަރުވެ ރެއާލް ތާވަލްގެ 10 ވަނާގައި އަދި އޮތްއިރު ތާވަލްގެ އެއްވަނާގައި މިހާރު އޮތީ ކުޅުނު 2 މެޗުން ހަ ޕޮއިންޓާއި އެކު ގްރަނަޑާއެވެ.