ނެދަލެންޑްސްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް އެޓީމުގެ ކުރީގެ ޑިފެންޑަރު ފްރޭންކް ޑި ބޮއާ ހަމަޖައްސައިފިއެވެ.

އޭނާ އަކީ މިހާތަނަށް ނެދަލެންޑްސްގެ ގައުމީ ޓީމަށް ތިން ވަނައަށް އެންމެ ގިނަ މެޗު ކުޅެ ދީފައިވާ ކުޅުންތެރިޔާއެވެ. މިދިޔަ އޯގަސްޓް މަހު ކުރީގެ ނެދަލަންޑްސްގެ ކޯޗު ރޮބާޓް ކޫމަން ވަނީ އެ ޓީމުގެ ގައުމީ ކޯޗުކަން ދޫކޮށް ބާސެލޯނާގެ ކޯޗު ކަމާއި ހަވާލު ވެފައެވެ. އެހެންކަމުން މި މަހުގެ ކުރީކޮޅު ޔުއެފާ ނޭޝަންސް ލީގުގައި ނެދަލެންޑްސްއިން ކުޅުނު ދެ މެޗުގައި އިރުޝާދު ދީފައިވަނީ އެސިސްޓަން ކޯޗު ޑްވައިޓް ލޮޑެވެޔެސްއެވެ.

އަޔަކްސްއިން އޭނާގެ ކޯޗިން ކެރިއަރު ފެށި އުމުރުން 50 އަހަރުގެ ޑި ބޮއާ ނެދަލެންޑުގެ ގައުމީ ކޯޗު ކަމާއި ހަވާލުވީ 2022 ވަނަ އަހަރު ގަތަރުގައި އޮންނަ ފީފާ ވޯލްޑު ކަޕާއި ހަމައަށެވެ. އެ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް މިފަހަރު ހަމަޖެއްސީ ކުރީގެ ފޯވާޑް ރޫޑް ވެން ނިސްޓެލްރޫއީ އެވެ.

އެންމެ ފަހުން އެމެރިކާގެ މޭޖާ ލީގުގައި ވާދަކުރަމުން އަންނަ އެޓަލާންޓާ ޔުނައިޓެޑްގެ ކޯޗުކަން ކޮށްދިން ޑި ބޮއާ ވަނީ މީގެ ކުރިން އިންޓަ މިލާނަށްވެސް ކޯޗުކަން ކޮށްދީފައެވެ. ނަމަވެސް 14 މެޗަށްފަހު އޭނާ އިންޓާގެ ކޯޗުކަމުން ވަކުކުރިއެވެ. ދެން އޭނާ ހަވާލުވީ ކްރިސްޓަލް ޕެލަސްއާގެ ހެޑް ކޯޗު ކަމާއެވެ. ނަމަވެސް ފަސް މެޗަށްފަހު އެ ޓީމުގެ ކޯޗުގެ މަގާމުންވެސް ޑި ބޮއާ ވަނީ ވަކިކޮށްފަ އެވެ.