ބްރެޒިލްގެ ޒުވާން ފޯވަޑް ވިނިޝިއަސް ޖޫނިއަ ކާމިޔާބުކުރި ހަމައެކަނި ގޯލުން ރެއާލް ވަލަޑޮލިޑް ބަލިކޮށް ޗެމްޕިއަން ރެއާލް މެޑްރިޑުން ސްޕެނިޝް ލީގް ތާވަލުގެ ކުރިއަށް ޖެހިލައިފިއެވެ.

ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅެ 1-0 ގެ ނަތީޖާއަކުން ވަލަޑޮލިޑްގެ މައްޗަށް މި ހޯދި މޮޅާއެކު އެ ޓީމުން ވަނީ ތާވަލުގެ އެއްވަނައިގައި އޮތް ގެޓާފޭ އާއި ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފައެވެ. ސީޒަނުގެ ފުރަތަމަ ތިން މެޗުން ރެއާލް ވަނީ 7 ޕޮއިންޓް ހޯދައިފައެވެ. އެ ޓީމަށް ގެއްލުނީ ފުރަތަމަ މެޗުގައި ސޮސިއެޑާޑާ ވާދަކޮށް މެޗް އެއްވަރު ވުމުން ގެއްލުނު 2 ޕޮއިންޓެވެ.

ރޭ ވަލަޑޮލިޑާ ދެކޮޅަށް ނެރުނު ފުރަތަމަ އެގާރައިން ރެއާލްގެ ކޯޗް ޒައިނިދީން ޒިދާން ވަނީ ސާބިއާގެ ފޯވަޑް ލޫކާ ޖޮވިޗް އަށް ފުރުސަތު ދީފައެވެ. މިދިޔަ ސީޒަނުގައި ރެއާލަށް ބަދަލުވިފަހުން މިހާތަނަށް އަދި އެދެވޭ ކުޅުމެއް ޖޮވިޗް އަށް ދެއްކިފައިނުވާއިރު ރޭގެ މެޗުގައިވެސް ފެނިގެންދިޔައީ ގޯލް ޖަހަން އޭނާ އަށް ލިބުނު ހުސް ފުރުސަތުތައް ބޭކާރު ކޮށްލިތަނެވެ.

ބާނެބެއުގައި ކުޅުނު މި މެޗްގައި ރެއާލުން ފޮނުވާލި ފުރަތަމަ ނުރައްކާތެރި ހަމަލާ ވަލަޑޮލިޑުގެ ގޯލަށް އަމާޒުކޮށްލީ މިޑްފީލްޑަރު ފެޑެރީކޯ ވަލްވާޑޭ އެވެ. އޭރިއޭ ތެރެއިން އުރުގުއޭ ކުޅުންތެރިޔާ ގޯލުގެ ކަނަށް ފޮނުވާލި ވޮލީ ވަލަޑޮލިޑްގެ ކީޕަރު ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.

ފުރަތަމަ ހާފުގެ 31 ވަނަ މިނެޓުގައި ރެއާލަށް ލީޑް ނަގައިދޭން ފޯވަޑް ޖޮވިޗް އަށް ގޯލް ކުރިމަތިން ރަނުގެ ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަށެވެ. އޭގެ ފަހުން ލޫކާ މޮޑްރިޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭރިއާ ތެރޭގައި ހުރެ ޖޮވިޗް ގޯލަށް ފޮނުވާލި ބޯޅަ ވެސް ގޯލާ އަމާޒުވާ ގޮތެއް ނުވިއެވެ.

ފުރަތަމަ ހާފުގެ ފަހު ފަސް މިނެޓު ތެރޭ ވަލަޑޮލިޑުން ކޮންމެވެސް ވަރަކަށް ރެއާލްގެ ފަހަތަށް ބާރު ބޮޑު ކުރިނަމަވެސް ކީޕަރު ތިބައުޓް ކޯޓުއާ ވަނީ ފަސޭހަކަމާއެކު އިދިކޮޅު ކުޅުންތެރިން ފޮނުވާލި ހަމަލާތައް ދިފާއުކޮށްފައެވެ.

ރެއާލުން މެޗްގެ ދެވަނަ ހާފުވެސް ފެށީ ވަރުގަދަކޮށެވެ. މި ހާފު ފަށައިގެން ތިންވަނަ މިނެޓުގައި އޭރިއާ ތެރެއިން ޖޮވިޗް ބޮލުން ޖެހި ބާރު ބޯޅައެއް ވަލަޑޮލިޑްގެ ކީޕަރު ވަނީ މަތަކޮށްފައެވެ. އެ ހަމަލާގެ ރީބައުންޑުގައި ނުކުތް ބޯޅަ ކަސެމީރޯ ގޯލަށް ފޮނުވާލި ނަމަވެސް އެ ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މެޗުން ރެއާލް މޮޅުކޮށްދިން ގޯލް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި ވިނިޝިއަސް ކާމިޔާބުކުރީ 65 ވަނަ މިނެޓުގައި އޭރިއާ ތެރެއިން މުޅިން ހުހަށް ލިބުނު ފުރުސަތެއްގައެވެ.

ރެއާލަށް ދެން ކުރިއަށް އޮތީ ލީގުގައި ލެވަންޓޭ އާއި ދެކޮޅަށް އަންނަ އާދިއްތަ ދުވަހު ކުޅެން އޮތް މެޗެވެ. އޭގެ އެއް ދުވަސް ކުރިން ވަލަޑޮލިޑް ނުކުންނާނީ އެއިބާ އާއި ދެކޮޅަށެވެ.