ވޯލްޑް ކަޕް 2022 ސައުތު އެމެރިކާ ބައްރުގެ ކޮލިފިކޭޝަންގައި ކެޕްޓަން ލިއޮނަލް މެސީ ކާމިޔާބުކޮށްދިން ހަމައެކަނި ލަނޑާއެކު އިކުއެޑޯ އަތުން އާޖެންޓީނާ މޮޅުވެއްޖެއެވެ.

އާޖެންޓީނާގެ ލަ ބޮމްބޮނެރަ ސްޓޭޑިއަމްގައި މޮޅަށް ކުޅެ ގިނަވަގުތު ބޯޅަ ހިފެއްޓީވެސް އާޖެންޓީނާއެވެ. މެޗު ފެށުމާއެކު ގިނަ ހަމަލާތަކެއް އިކުއެޑޯގެ ގޯލަށް އަމާޒުކޮށް އާޖެންޓީނާގެ ހަމައެކަނި ލަނޑު މެސީ ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުންނެވެ.

މިއީ އާޖެންޓީނާގެ ވިންގާ ލޫކަސް އޮކެމްޕޮސް ވަރަށް ރީތިކޮށް އެކުއެޑޯގެ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށްފަހު އޭރިއާ ތެރެއަށް ވަދެ ބޯޅަ ހުރަސްކޮށްދޭން މަސައްކަތް ކުރަނިކޮށް އޭރިއާ ތެރެއިން އެކުއެޑޯގެ ލެފްޓް ބެކް ޕާވިސް އެސްޓިޕިނާން ކުރި ފައުލަކާއި ގުޅިގެން ލިބުން ޕެނަލްޓީއެކެވެ.

މިއީ އާޖެންޓީނާ ގައުމީ ޓީމަށް މެސީ ޖަހައިދިން 71 ވަނަ ލަނޑެވެ. އަދި އާޖެންޓީނާއިން ބަލިނުވެ ހަމަކުރި 8 ވަނަ މެޗެވެ. އެންމެ ފަހުން އާޖެންޓީނާ ބަލިވެފައިވަނީ 2019 ވަނަ އަހަރުގެ ޖުލައި މަހު ކޮޕާ އެމެރިކާ ކަޕުގެ ސެމީ ފައިނަލުގައި ވާދަވެރި ބްރެޒިލް އަތުންނެވެ. އެ މެޗުން އާޖެންޓީނާ ބަލިވީ 0-2ގެ ނަތީޖާއަކުންނެވެ.

މެޗު ފެށުމުގެ ކުރިން ބަނޑަށް ތަދުވެ ނުކުޅެވޭ ހާލަތަކަށް ދިއުމާއި ގުޅިގެން ޔުވެންޓަސްއަށް ކުޅެމުންދާ އާޖެންޓީނާގެ ތަރި ޕަައުލޯ ޑީބާލާއަށް މެޗުގައި ނުކުޅެވުނެވެ.

ގާތްގަަނޑަކަށް 11 މަހަށްފަހު އާޖެންޓީނާ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައި އިކުއެޑޯއިން އާޖެންޓީނާގެ ގޯލަށް ނުރައްކާ ކުރިއެވެ. ހިލޭ ޖެހުމެއް އޭރިއާގެ ތެރެއަށް ފޮނުވާލައިގެން ތަނަވަސްވި ފުރުސަތެއްގައި މުޅިން ހުހަށް ހުރެ އެރިކް ފެރިގްރާ ބޯޅަ ފޮނުވާލަން މަސައްކަތް ކުރިނަމަވެސް އެވަގުތު އޭނާހުރީ އޮފްސައިޑްގައެވެ.

މެޗުގެ ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެއް ނުވަނީސް އަނެއްކާވެސް އާޖެންޓީނާއިން އިތުރު ލަނޑެއް ޖަހާނަ ރަނގަޅު ފުރުސަތެއް ތަނަވަސްކުރިއެވެ. މެޗުގެ 50 ވަނަ މިނެޓުގައި މުޅިން ހުހައް ހުރެ ލޫކަސް އޮކެމްޕޮސް ފޮނުވާލި މި ހަމަލާ ގޯލަށް ވަނުމަށް ހުރަހަކަށްވީ އެކުއެޑޯގެ ކީޕަރު އެލެކްސެންޑްރާ ޑޮމިންގުއޭޒްއެވެ.

މިހަމަލާއަށްފަހު ދެޓީމުގެ ފަރާތުންވެސް މާނުރައްކާތެރި ހަމަލާތަކެއް ފެނިގެން ނުދިޔަ ނަމަވެސް އާޖެންޓީނާގެ ފަރާތުން ގޯލެއް ޖެހުމަށް އިތުރު ފުރުސަތުތަކެއް ތަނަވަސް ކުރުމަށް މަސައްކަތް ކުރިތަން ފެނިގެން ގޮސްފައިވެއެވެ.

މި ސަރަހައްދުގެ ކޮލިފިކޭޝަންގައި ތިން މެޗެއް ކުޅެފައިވާއިރު ދެން ކުޅެފައިވަނީ ޕެރެގުއާއި އާއި ޕެރޫ ބައްދަލުކުރި މެޗާއި އުރުގުއާއި އިން ޗިލީގެ މައްޗަށް 2-1ން ކުރި ހޯދި މެޗެވެ.

ޖެހި ގޯލްގެ އަދަދުން ކުރިހޯދައިގެން އުރުގުއާއި އިން ތާވަލްގެ އެއްވަނައިގައި މިވަގުތު އޮތްއިރު ދެވަނައިގައި އާޖެންޓީނާ އޮތީވެސް ހަމަ ތިން ޕޮއިންޓާއެކުއެވެ.

ދެން އާޖެންޓީނާ ނުކުންނާނީ އަންގާރަ ދުވަހު ބޮލީވިއާގައި އެގައުމާ ދެކޮޅަށެވެ.