އެއިބާގެ މައްޗަށް 0-2 އިން ކުރި ހޯދައި ސްޕެނިޝް ލީގުގެ އެއްވަނައިގައި ބާސެލޯނާ އިން 10 ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

މި މޮޅާއެކު ލީގުގެ އެއްވަނައިގައި ބާސާ މިހާރު އޮތީ 62 ޕޮއިންޓާ އެކުއެވެ. ނަމަވެސް ލީގުގެ ދެވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑް މިރޭ ކުޅޭ މެޗުން މޮޅުވެއްޖެނަމަ ބާސާގެ ލީޑު ކުޑަކޮށްލެވޭނެއެވެ. ލީގުގެ ދެވަނައިގައި އެތްލެޓިކޯ އޮތީ 52 ޕޮއިންޓާ އެކުއެވެ. ރޭގެ މެޗުން ބަލިވި އެއިބާ އޮތީ 35 ޕޮއިންޓާ އެކު ލީގުގެ ހަތްވަނައިގައެވެ.

އެއިބާގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ބާސާ އިން ކާމިޔާބުކުރީ 16 ވަނަ މިނެޓްގައެވެ. މެސީ ދިން ރީތި ޕާހަކުން މި ގޯލު ކާމިޔާބުކޮށްދިނީ ލުއިސް ސުއަރޭޒްއެވެ. މިއީ ލީގުގައި ސުއަރޭޒް ކާމިޔާބުކުރި 17 ވަނަ ގޯލެވެ.

ބާސާ އިން ގޯލު ކާމިޔާބުކުރިތާ މާގިނަ އިރުތަކެއް ނުވަނީސް އެއިބާގެ އޮރެލާނާ ފޮނުވާލި ބާރު ހަމަލާ އެއް ވަނީ ބާސާގެ ގޯލުގެ ދަނޑި އަށް އަމާޒުވެފައެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ބާސާގެ ލީޑު ފުޅާކޮށްލަން މެސީ އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ވެސް އަމާޒުވީ ގޯލުގެ ދަނޑި އަށެވެ.

އެއިބާ އިން ރަނގަޅު ކުޅުމެއް ރޭގެ މެޗުގައި ދެއްކިއިރު ދެވަނަ ހާފްގައި އެޓީމުން ވަނީ ބާސާގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް މެޗުގެ 66 ވަނަ މިނެޓްގައި އެއިބާ އިން އެންމެ ރަނގަޅަށް ކުޅުނު އޮރެލާނާ އަށް ދެވަނަ ރީނދޫ ކާޑާ އެކު ރަތްކާޑު ދެއްކުމުން އެޓީމަށް ވަނީ މައްސަލަތަކެއް ކުރިމަތިވެފައެވެ. އޮރެލާނާ އަށް ދެވަނަ ރީނދޫ ކާޑު ދެއްކީ ރުޅި އައިސްގައިން ބޯޅަ ދުރަށް އެއްލުމާ ގުޅިގެންނެވެ.

މެޗުގެ ބާކީބައި 10 ކުޅުންތެރިންނާ އެކު އެއިބާ އިން ފުރިހަމަކުރަން ޖެހުނުއިރު ބާސާ އަށް މި މެޗުން ތިން ޕޮއިންޓު ކަށަވަރުކޮށްދިން ގޯލު މެޗުގެ 88 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އަލްބާއެވެ.

ލީގުގެ އެއްވަނައިގައި 10 ޕޮއިންޓުގެ ލީޑެއް ބާސާ އިން ނެގިއިރު ލީގުގައި އަދި މިހާތަނަށް އެޓީމު ބަލިވެފައިނުވާކަން ފާހަގަކޮށްލެވެއެވެ.

ބާސާގެ ލީޑު ކުޑަކޮށްލަން ލީގުގެ ދެވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑް މިރޭ ނިކުންނާނީ ބިލްބާއޯ އާއި ދެކޮޅަށެވެ.