އިޓަލީގެ އެއްވެސް އުސޫލަކާއި ޚިލާފުވެފައި ނުވާނެ ކަމަށާއި އަބަދުވެސް މަސައްކަތްކުރަނީ ޤަވާއިދާއި ޤާނޫނުތަކާއި އެއްގޮތަށް ކަމަށް ޔުވެންޓަސްގެ އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

ރޮނާލްޑޯ މިހެން ބުނެފައިިވަނީ ކޮވިޑް-19 އާ ގުޅިގެން އިޓަލީގައި ތިބި ކުޅުންތެރިން އަމަލުކުރަންޖެހޭ އުސޫލުތަކަށް ކްރިސްޓިއާނޯ ރޮނާލްޑޯ ޚިލާފުވެފައިވާ ކަމަށް އިޓަލީގެ ކުޅިވަރާ ބެހޭ ވަޒީރު ވިންޗެންޒޯ ސްޕަޑަފޯރާ ވިދާޅުވި ވާހަކަތަކަށް ރައްދުދެމުންނެވެ.

ރޮނާލްޑޯ ކޮވިޑް-19 އަށް ފައްސިވެފައިވަނީ ފްރާންސްގައި އެ ގައުމާ ދެކޮޅަށް ކުޅުނު މެޗުގައި ކުޅުމަށްފަހު އެނބުރި ޕޯޗުގަލަށް ދިޔަ ފަހުން ކަމުންނެވެ. ފައްސިވިއިރު އޭނާ ވަނީ ޔުއެފާ ނޭޝަންސް ލީގުގައި ޕޯޗުގަލްއާއެކު މެޗެއް ކުޅެފައެވެ. ރޮނާލްޑޯ ވަނީ ހާއްސަ އިޚްތިޔާރެއްގެ ދަށުން އޭނާއަށް ހާއްސަ އެއާ އެމްބިއުލާންސެއްގައި މިިދިޔަ ބުދަ ދުވަހު އެނބުރި އިޓަލީއަށް ގޮސް އައިސޮލޭޓްވެފައެވެ. މި މައްސަލައިގައި އިޓަލީގެ ސަރުކާރުން ވަނީ ފާޅުކަންބޮޑު ގޮތެއްގައި ފާޑުކިޔަން ފަށާފައެވެ.

އިޓަލީގެ ކުޅިވަރާ ބެހޭ ވަޒީރު ވިންޗެންޒޯ ސްޕަޑަފޯރާ ވިދާޅުވީ ވަކި ރޮނާލްޑޯ ވީމަ ހާއްސަ ހުއްދައެއް ނުދޭ ކަމަށާއި އޭނާ އުސޫލުތަކާއި ޚިލާފުވެފައިވާ ކަމަށެވެ. އަދި ރޮނާލްޑޯ ނިންމުން ނިންމާފައިވަނީ ނަގަންޖެހޭ ހުއްދަތަށް ނުނަގާ ކަމަށާއި މިއީ ސީރިއަސް މައްސަލައެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މިކަމާ ބެހޭގޮތުން ރޮނާލްޑޯ އޭނާގެ ރަސްމީ އިންސްޓަގްރާމުގައި ކުރި ލައިވް އިންޓަވިއުއެއްގައި ބުނީ އެއްވެސް އުސޫލަކާ ޚިލާފު ނުވާ ކަމަށާއި، އޭނާ ދަތުރުކުރީ ހުރިހާ ހުއްދައެއް ހޯދައިގެން ކަމަށެވެ. އަދި އޭނާ އުސޫލާ ޚިލާފުވެފައިވާ ކަމަށް ބުނެ ދައްކަނީ ހަގީގަތާ ޚިލާފު ދޮގު ވާހަކައެއް ކަމަށްވެސް ވަނީ ބުނެފައެވެ.

މީގެކުރިން ރޮނާލްޑޯ ވަނީ ޔުވެންޓަސްގެ ދެ މުވައްޒަފަކު ކޮވިޑަށް ފައްސިވުމާއެކު އޭނާގެ އިތުރުން ޔުވެންޓަސްގެ ބައެއް ކުޅުންތެރިން ކޮވިޑް-19 ގެ ޓެސްޓުގެ ނަތީޖާ ނުލިބެނީސް ގައުމީ ޓީމުގެ މެޗުތައް ކުޅެން އެ ކުޅުންތެރިން ނިސްބަތްވާ ގައުމުތަކަށް ގޮސްފައެވެ. މި މައްސަލަ ބޮޑުވެފައިވަނިކޮށް އަނެއްކާވެސް އިތުރު މައްސަލައެއް ދިމާވުމާއެކު ގިނަބަޔަކު ދަނީ ރޮނާލްޑޯއަށް ފާޑުކިޔަމުންނެވެ. އަދި މި މައްސަލައިގައި ފިޔަވަޅު އެޅުމަށް ދަނީ ތައްޔާރުވަމުންނެވެ.