ކޮންމެ އަހަރަކު ރޯދަމަހާއި ދިމާކޮށް އއ. މަތިވެރީގައި ބާއްވާ އަލިބެ ފުޓްސެލް ކަޕް 2018 ގެ ސެމީ ފައިނަލަށް މާރންސް އިން ދަތުރު ކޮށްފިއެވެ.

އަލިބެ ކަޕްގެ ސެމީއަށް ޑިފެންޑިން ޗެމްޕިއަން މާރންސް ދަތުރު ކުރީ ރޭ އެ މުބާރާތުގައި އެފްޓީ ނޫރާނީއާއި ދެކޮޅަށް ކުޅުނު މެޗުން 2-0 އިން މޮޅުވެގެންނެވެ.

ރޭގެ މެޗުގައި މާރންސްގެ ދެ ގޯލުވެސް ކާމިޔާބު ކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި އެޓީމުގެ ޖާޒީ ނަމްބަރު 8 އަލީ ޝައިހާންއެވެ. ޝައިހާންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗު ނިންމާލުމަށް ފަހު އޭނާ ބުނީ ކުރިއަށް އޮތް މެޗުތަކުގައި އޭނާާގެ ފަރާތުން ރޭގެ ކުޅުމަށް ވުރެ މޮޅު ކުޅުމެއް ފެނިގެން ދާނެ ކަމަށެވެ.

ރޭގެ މެޗުގައި މާރންސް ޓީމުގެ އަދި މުޅި މުބާާރާތުގެވެސް އެންމެ ހަނގު ކުޅުންތެރިޔާ އާދަމް ހުނެއިންގެ ކަކުލަށް ވަނީ އަނިޔާވެފައެވެ. ކުރިއަށް ހުރި މެޗުތަކުގައި އޭނާއަށް ކުޅެވޭނެ ކަމުގެ އުންމީދު ކުޑަ ކަމަށް މާރންސްގެ ކޯޗު ހުސެއިން ނިހާން ވަނީ ހާމަ ކޮށްފައެވެ. ނިހާން އިތުރަށް ވިދާޅުވީ ސެމީގައި ޓީމު އިތުރަށް ވަރުގަދަ ވާނެ ކަމަށާއި އެގޮތުން ކުރިން މެޗުތަކުގައި ނުފެނުނު ކުޅުންތެރިޔާ މުހައްމަދު ޝާހު ފެނިގެންދާނެ ކަމަށެވެ.

އަލިބެ ފުޓްސަލް ކަޕްގެ ސެމީގައި މާރންސް ކުޅޭ މެޗު އޮންނާނީ މިރޭ 22:00 ގައެވެ. އެ ޓީމު ނުކުންނާާނީ ގްރޫޕް އޭގެ އެއްވަނަ ޓީމު ޔަންގް ޕްލޭޔާސްއާއި ދެކޮޅަށެވެ.

މާރންސް ޓީމުގެ މެއިން ސްޕޮންސާ އަކީ "ވަގުތު" އެވެ. އަދި ކޯ ސްޕޮންސްސާ އަކީ "ވައިން ވިސީ" އެވެ. އެ ޓީމުގެ ޓްރެވަލިން ޕާޓްނާ އަކީ އަރި އަތޮޅުގެ އެންމެ އިތުބާރު ލިބިފައިވާ ލޯންޗް ސާވިސް ކަމަށްވާ "ނެވީ ޓްރާންސްފާ" އެވެ. އަދި ކޮސްޓިއުމް ޕާޓްނާ އަކީ ފުޅާ ދާއިރާއެއްގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް، އެބަޔަކު ބޭނުންވާ ފެންވަރެއްގެ ކޮލިޓީ ޖާޒީތައް ހަދައިދޭ ކުންފުންޏެއް ކަމަށްވާ "ކެޕްޓަން މޯލްޑިވްސް" އެވެ.