ޕްރިމިއަރ ލީގުގައި މިއަދު ހަވީރު އެވަޓަންގެ ދަނޑުގައި ކުޅެ އެއްވަރުވި މެޗުގައި ގޯސް ހެދީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރު) ކަމަށް ބުނެ ކަމާބެހޭ ފަރާތްތަކަށް މައްސަލަ ހުށައެޅުމަށް ލިވަޕޫލްގެ ކޯޗް ޔާގެން ކްލޮޕް ހުށައަޅައިފި އެވެ.

މެޗުގައި ދެ ހާލަތެއްގައި ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމި ދެ ނިންމުމެއް އެއީ ގޯސް ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށް ޕްރިމިއަރ ލީގަށް ރަސްމީކޮށް މައްސަލަ ހުށަހެޅުމަށް ނިންމާފައިވާކަމަށް ވެސް އެޓީމުން ވަނީ ބުނެފައެވެ.

ވީއޭއާރުން ހެދި ފުރަތަމަ ގޯހަކީ އެޓީމުގެ އެންމެ އިތުބާރު ޑިފެންޑަރު ނެދަލެންޑްސްގެ ވާޖިލް ވެން ޑައިކަށް އެވަޓަންގެ ކީޕަރު ޖޯޑަން ޕިކްފޯޑް ކުރި ފައުލަށް ރެފްރީ އޭނާއަށް ރަތް ކާޑު ނުދެއްކުން ކަމަށް އެޓީމުން ވަނީ ބުނެފައެވެ. އަދި ރަތް ކާޑު ހައްގު ފައުލަކަށް ރަތް ކާޑު ނުދެއްކި ތަނުގައި، ކީޕަރަށް ރީނދޫކާޑެއް ނުދެއްކީ ކީއްވެތޯވެސް އެޓީމުން ވަނީ ސުވާލު އުފައްދާފައެވެ.

ޖޯޑަން ޕިކްފޯޑު ކުރި ނުރައްކާތެރި ފައުލުގެ ސަބަބުން ވެން ޑައިކު ވަނީ އިތުރަށް މެޗުގައި ނުކުޅެވި ބަދަލުކޮށްފައެވެ. ފައުލާއެކު ރެފްރީ ކުޅުން މެދުކަނޑާލި ނަމަވެސް ވީއޭއާރު ބެލީ ފައުލެއްތޯ ބެލުމަކަށް ނޫނެވެ. ވީއޭއާރު ރެފްރީއަކަށް ހުރި ޑޭވިޑް ކޫޓް ރިވިއުކުރީ ބޯޅަ ލިބުނުއިރު ވެން ޑައިކު ހުރީ އޮފްސައިޑުގައިތޯ ބެލުމަށެވެ. ލިވަޕޫލުން މިކަމުގައި މައްސަލަ ޖައްސާ މައިގަނޑު ސަބަބަކީ މި ނުރައްކާތެރި ފައުލް ރެފްރީން ފައުލެއްގެ ގޮތުގައިވެސް ނުބެލިކަމެވެ. ވީއޭއާރު ބެލުމަށްފަހު އެވަޓަން އަށް ވަނީ ހިލޭޖެހުމެއް ދީފައެވެ،

ވީއޭއާރުން ދެން ހެދި ގޯހަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރުވަގުތުގައި މެޗުން މޮޅުވާން އޮތް ލަނޑު ޖޯޑަން ހެންޑަސަން ގޯލްގެ ތެރެއަށް ފޮނުވާލި ނަމަވެސް ހަމަލާ އުފެއްދުމުގައި ބައިވެރިވި ސާޑިއޯ މާނޭ އޮފްސައިޑުގައި ހުރިކަމަށްބުނެ ގޯލު ބަލައިނުގަތުން ކަމަށް ލިވަޕޫލުން ވަނީ ބުނެފައެވެ.

މެޗަށްފަހު ކްލޮޕް ބުނީ ރެފްރީގެ ފަހު ކަށިގަނޑުގެ އަޑާއި އެކު ޓީމުގެ ހުރިހާ ކުޅުންތެރިން އަދި އޮފިޝަލުންވެސް ލެޕްޓޮޕްތައް ނަގާ ވީއޭއާރުގެ މި މައްސަލަތައް އަލުން ބެލިކަމަށެވެ. އަދި އެތައް ފަހަރަކު ވީޑިއޯތައް ބަލައިގެންވެސް ފާހަގަވި ކަމަކީ، މިއީ ލިވަޕޫލް މެޗުން މޮޅުވިޔަނުދިނުމަށް ބަޔަކު ގަސްތުގައި ކުރިކަމެއް ކަމަށް ސިފަކޮށްފައެވެ. އަދި ވީއޭއާރު ޑޭވިޑް ކޫޓްއަށް ވަރަށް ބޮޑަށް ކްލޮޕް ވަނީ ފާޑުކިޔާ ބަހުގެ ހަމަލާތަކެއް އަމާޒުކޮށްފައެވެ.

އެއްވަރުވި މި މެޗުގައި ލިވަޕޫލްގެ ލަނޑުތައް ޖަހާދީފައިވަނީ ސާޑިއޯ މާނޭގެ އިތުރުން މުހައްމަދު ސަލާހުއެވެ. އަދި އެވަޓަންގެ ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ މައިކަލް ކީން އާއި ޑޮމިނިކް ކަލްވެޓް-ލެވިންއެވެ. މި ނަތީޖާއާއެކު ތާވަލްގެ އެއްވަނައިގައި 13 ޕޮއިންޓާއެކު އޮތީ އެވަޓަންއެވެ. ދެވަނައިގައި ލިވަޕޫލް އޮތީ 10 ޕޮއިންޓާއެކުއެވެ.