މިއަންނަ މަހުގެ 14 ވަނަ ދުވަހު ރަޝިއާގައި ފެށޭ ފީފާ ވޯލްޑް ކަޕުގައި ބެލްޖިއަމް ސްކޮޑުން ނައިންގޮލަން ބާކީ ކޮށްފިއެވެ.

ވޯލްޑްކަޕްގައި ބެލްޖިއަމް އިން ކުޅޭނެ 23 ކުޅުންތެރިންގެ ސްކޮޑު އިއުލާނު ކޮށްފައިވާއިރު މި ސްކޮޑުގައި ރޯމާގައި މޮޅު ކުޅުމެއް މިސީޒަނުގައި ދެއްކި ނައިންގޮލަން ހިމަނާފައެއް ނުވެއެވެ.

30 އަހަރުގެ ރަޖާ ނައިންގޮލަން ވަނީ ފާއިތުވި އަހަރު ތަކުގައި ބެލްޖިއަމް އަށް މުހިންމު ރޯލު ތަކެއް ކުޅެ ދީފައެވެ. ނަމަވެސް މިހާރުގެ ކޯޗު ރޮބާޓޯ މާޓީނޭޒްގެ ޓީމުން ޖާގަ ހޯދުން އޭނާ އަށް ވަނީ ދަތި ކަމަކަށް ވެފައެވެ. މި ސީޒަނުގައި ނައިންގޮލަން ވަނީ 2 ސްކޮޑުން ބާކީ ކޮށްފައެވެ. ރިޕޯޓު ތަކުން ބުނާގޮތުގައި އޭނާ ޓީމުން ބާކީ ވަނީ އޭނާގެ އަހުލާގާއި ގުޅިގެން ކަމަށެވެ.

މާޓީނޭޒް ބުނެފައިވަނީ ނައިންގޮލަން ހިމަނާފައި ނުވަނީ ޓެކްޓިކަލް ބަދަލަކާއި ގުޅިގެންކަމަށެވެ. މާރިޗު މަހުގެ ތެރޭގައި މެކްސިކޯ އާއި ދެކޮޅަށް ކުޅުނު އެކުވެރި ކަމުގެ މެޗުގައި ނައިންގޮލަން އަށް ސްކޮޑުން ޖާގަ ލިބުމާއި ގުޅިގެން ވޯލްޑް ކަޕުގައި ކުޅުމުގެ އުއްމީދު ލިބުނު ކަމުގައި ވީނަމަވެސް އޭނާ އަކަށް ޓީމުން ޖާގައެއް ނުލިބުނެވެ. ރޯމާ ޗެމްޕިއަންސް ލީގު ސެމީ ފައިނަލާއި ހަމަ އަށް ގެންދިޔުމުގައި ނައިންގޮލަންގެ ދައުރު ވަރަށް ބޮޑެވެ.

"ނައިންގޮލަން އަކީ ވަރަށް ބޮޑު ކުޅުންތެރިއެއް، އެއާއި މެދު އެއްވެސް ޝައްކެއް ނެތް. މިދިޔަ 2 ވަރަކަށް އަހަރު ޓީމު ކުޅެފައިވަނީ އޮފެންސިވް ކުޅުމެއް، ނައިންގޮލަން އަކީ ކްލަބު ލެެވެލް ގައި ވަރަށް މުހިންމު ކުޅުންތެރިއެއް. ނަމަވެސް ގައުމީ ލެވެލް ގައި އޭނާ އަށް އެމަގާމު ދެވޭނެ ހެނެއް ހީއެއް ނުވޭ،" ނޫސް ކޮންފަރެންސެއްގައި މާޓީނޭޒް ބުންޏެވެ.

ކީޕަރުން- ކޮއެން ކަސްޓީލް( ވޮލްވްސްބާގް) ތިބާ ކޯޓުއާ(ޗެލްސީ) ސައިމޮން މިންޔޮލެޓް(ލިވަޕޫލް) މެޓްޒް ސެލްސް(ނިއުކާސެލް)

ޑިފެންޑަރުން - ޓޯނީ އަލްޑަވެރެލްޑް(ޓޮޓެންހަމް) ޑެޑްރިކް ބޮޔާޓާ(ސެލްޓިކް) ލޯރެންޓް ސިމާން( ލޮސް އޭންޖެލެސް) ކްރިސްޓިއަން ކަބަސެލެ(ވެޓްފޯޑް) ވިންސެންޓް ކޮމްޕެނީ(މެންޗެސްޓާ ސިޓީ) ޖޯޑަން ލުކާކު(ލެޒިއޯ) ތޯމަސް މުނީރް(ޕީއެސްޖީ) ތޯމަސް ވާމެލެން(ބާސެލޯނާ) ހެން ވާޓޮންހެން(ޓޮޓެންހަމް)

މިޑްފިލްޑަރުން - ނޭސާ ޗެޑްލީ(ވެސްޓް ބްރޮމް) ޑީބްރޫނާ(މެންޗެސްޓާ ސިޓީ) މޫސާ ޑެމްބޭލޭ(ޓޮޓެްންހަމް) ލެންޑާ ޑެންޑޮންކާ(އެންޑާލެޗް) މެރޮއާން ފެލައިނީ(މެންޗެސްޓާ ޔުނައިޓެޑު) ޔޯރީ ޓިލެމެންސް(މޮނަކޯ) އެކްސެލް ވިޓްސެލް(ޓިއަންޖިން ކުއަންޖިން)

ފޯވަޑުން - މިޗީ ބަޓްޝުއޭ(ޗެލްސީ) ކްރިސްޓިއަން ބެންޓެކޭ(ކްރިސްޓަލް ޕެލެސް) ޔަނިކް ކަރަސްކޯ(ޑޭލިއަން ޔެފަންގް) އެޑެން ހަޒާޑް(ޗެލްސީ) ތޯގަން ހަޒާޑް(މޮންޗެންގްލަދްބަޗް) އަދްނާން ޖަނުޒަޖް(ރިއަލް ސޮސިޑެޑް) ރޮމެލޯ ލުކާކު(މެންޗެސްޓާ ޔުނައިޓެޑް) ޑެރިސް މާޓިންސް(ނަޕޮލީ)