ފެނުގެ މައްސަލަކައަކީ އަހަރެމެންނާއި އަހަރެމެންގެ ދަރިންގެ ދިރިއުޅުމުގައި ވެސް ކުރިމަތިވެފައިވާ އެންމެ ނާޒުކު އެއް މައްސަލަ ކަމަށް ފެނާއި ބެހޭ މާހިރުން ބުނެއުޅެއެވެ. ސާފު ފެން ހުސްވެދާނެ ކަން އަހަރެމެން އިންސާނުންނަށް ވިސްނައި ގަނެވުނީއްސުރެ، ފެން ރައްކާ ކުރުމުގެ ހިޔާލު އަހަރެމެންގެ ތެރޭގައި އޮވެއެވެ.

ތިމާވެށީގެ ހައްގުގައި، ފެން ރީސައިކަލް ކޮށް އަލުން ބޭނުންކުރުމުގެ މުހިންމު ކަމާއި މެދުގައި, މީހުންގެ ތެރޭގައި ހޭލުންތެރިކަން އިތުރު ކުރުމަށްޓަކައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިމާވެށީގެ އެކްޓިވިސްޓުން ދަނީ މަސައްކަތް ކުރަމުންނެވެ.

އެގޮތުން ބެލްޖިއަމްގެ ރެސްޓޯރެންޓަކުންވެސް މި ވަނީ މި ކަމުގައި އެ ރެސްޓޯރެންޓުގެ ދައުރު އަދާކުރުމަށް އިސްނަގާފައެވެ. އެގޮތުން މި ރެސްޓޯރެންޓުން ދަނީ ފާހާނާ އާއި ސިންކުތަކުގައި ބޭނުންކުރާ ފެން ރީސައިކަލްކޮށް، ބޯފެނަށް ބަދަލުކޮށް، ކަސްޓަމަރުންނަށް ހިލޭ ފޯރުކޮށްދެމުންނެވެ.

ތަފާތު ހަބަރުތައް ރިޕޯޓުކުރާ ނޫހެއް ކަމަށްވާ 'އޮޑިޓީ ސެންޓްރަލް' އިން ބުނެފައިވާ ގޮތުގައި، ބެލްޖިއަމްގެ ކާން މުނިސިޕަލްޓީގައި ހުންނަ މި ރެސްޓޯރެންޓުން ކަސްޓަމަރުންނަށް ދެނީ ފާހާނާގެ ފެނެވެ. ނަމަވެސް އެ ފެނުގައި އެއްވެސް ވަހެއްވެސް، ކުލައެއްވެސް ނުހުންނައިރު ލަނީ ހަމަ އާދައިގެން ބޯފެނުގައި ލާ ރަހައެވެ.

މި ރެސްޓޯރެންޓުން ފެން ފިލްޓަރ ކުރަނީ ފަސް މަރުހަލާގެ ޓެކްނިކެއް ބޭނުންކޮށްގެންނެވެ. މިގޮތަށް ފެން ފިލްޓަރ ކުރާއިރު ފެނުގައި އެއްވެސް ކަހަލަ ތަޣައްޔަރުކަމެއް ނުހުންނަ އިރު، މާބޮޑަށް ސާފުވުމުން، ކަސްޓަމަރުންނަށް އެ ފެން ދިނުމުގެ ކުރިން، އާދައިގެ ފެނުގެ ރަހަ ލެއްވުމަށްޓަކައި އެފެނަށް މިނަރަލްތައް އެއް ކުރެއެވެ.

މި ރެސްޓޯރެންޓުން ރީސައިކަލް ކޮށްފައިވާ ފާހާނާ ފެނުގެ ބޭނުން ވަރަށް ބޮޑަށް ހިފައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ހިލޭ ބޯފެން ފޯރުކޮށްދިނުމަށާއި، ކޮފީއާއި، އެކި ބުއިންތައް ތައްޔާރުކުރުމަށްވެސް މި ފެން ބޭނުން ކުރެވޭނެއެވެ.

އާންމުކޮށް މިގޮތަށް ފެން ޕިއުރިފައި ކުރަނީ، ފަގީރު ނުވަތަ ވަކިން އޮންނަ ކުދި ކުދި މުޖުތަމައުތަކަށް ބޯފެން ފޯރުކޮށްދިނުމަށެވެ. ނަމަވެސް މިފަހަރު މިކަން ކޮށްފައި މިވަނީ ނަން ހިނގާ ރެސްޓޯރެންޓަކުންނެވެ.

މިގޮތަށް ފެން ފިލްޓަރ ކުރުމުން ފެނުގައި އެއްވެސް ތަޣައްޔަރު ކަމެއް ނުހުންނަ ނަމަވެސް، އެއީ ފާހާނައިގައި ބޭނުންކޮށްފައިވާ ފެންކަން އެނގުމުން ގިނަ މީހުން އެ ފެން ބޯން ޖެހިލުންވާނެ ކަން ޔަގީނެވެ.