ފަސް ދަރިން މަރާލި ބެލްޖިއަމްގެ އަންހެނަކު، އަމިއްލަ އަށް އެދިގެން މަރާލައިފިއެވެ. އޭނާ މަރާލާފައިވަނީ، މުޅި ބެލްޖިއަމް ހައިރާން ކޮށްލި ހާދިސާ އަށް 16 އަހަރު ފުރުނު ދުވަހުއެވެ.

ޖެނެވީވް ލާމިޓް ވަނީ 2007 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 28 ވަނަ ދުވަހު، ނިވެލްސްގައި ހުންނަ އެމީހުންެގެ ގޭގައި، ބަދިގޭގައި ބޭނުންކުރާ ކަހަލަ ވަޅިއަކުން އޭނާގެ ފަސް ދަރިންގެ ކަރަށް ހަމަލާ ދީ މަރާލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފިިރިހެން ކުއްޖަކާއި ހަތަރު އަންހެން ކުދިންނެވެ. އަދި އެ ފަސް ކުދިންނަކީ އުމުރުން 3 އަހަރާއި 14 އަހަރާއި ދެމެދުގެ ކުދިންނެވެ. ޖެނެވީވް އެކުދިން މަރާލާފައިވަނީ ކުދިންގެ ބައްޕަ ގޭގައި ނޫޅޭ ވަގުތެއްގައެވެ.

ކުދިން މަރާލުމަށްފަހު ޖެނެވީވް ވަނީ އަމިއްލަ ގަޔަށްވެސް ވަޅި ހަރައި، އަމިއްލަ އަށް މަރުވާން މަސައްކަތް ކޮށްފައެވެ. ނަމަވެސް އެކަމުގައި ނާކާމިޔާބު ވެގެން އޭނާ އެންމެ ފަހުން ވަނީ އެމަޖެންސީ ހިދުމަތްތަކަށް ގުޅާފައެވެ.

ޖެނެވީވް ލާމިޓް ގެ މައްޗަށް 2008 ވަނަ އަހަރު ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އޭގެ ފަހުން 2019 ވަނަ އަހަރު އޭނާ ވަނީ ނަފްސާނީ ބަލިމީހުންގެ ހޮސްޕިޓަލަކަށް ބަދަލު ކޮށްފައެވެ.

ދަރިން މަރާލިތާ 16 އަހަރު ފުރުނު ދުވަހު، ޖެނެވީވް އަމިއްލަ އަށް އެދިގެން، މަރާލާފައިވާ ކަމަށް ޖެނެވީވް ގެ ވަކީލު ނިކޮލަސް ކޯހެން ވަނީ ޔަގީން ކޮށްދީފައެވެ.

ފަރުވާ ނުކުރެވޭ ޖިސްމާނީ ވޭނުގެ އިތުރުން "ނުއުފުލެވޭ ވަރުގެ" އަދި ފަރުވާ ނުކުރެވޭ ނަފްސާނީ ވޭން ތަހައްމަލް ކުރަމުންދާކަމަށް ސާބިތު ކުރެވިއްޖެނަމަ، އެފަރާތްތަކުން އަމިއްލަ އަށް އެދިގެން މަރާލުން ބެލްޖިއަމް ގެ ގާނޫނު ހުއްދަ ކުރެއެވެ. އެމީހާ އެ ނިންމުން ނިންމަން ޖެހޭނީ ބުއްދި ސަލާމާތުން ހުރެ ފުރިހަމަ އިހުތިޔާރުގައެވެ. އަދި އޭނާ އެ ކަމަށް އެދޭ ސަބަބު ވަރަށް ރަނގަޅަށް ހާމަކޮށްދޭން ޖެހެއެވެ.

ޖެނެވީވްގެ ވަކީލު ބުނެފައިވަނީ ޖެނެވީވް ވެސް އެކަމަށް އެދިފައި ވަނީ އެ އުސޫލުތަކުގެ ދަށުން ކަމަށެވެ. އަދި ސިއްހީ ތަޖުރިބާކާރުންގެ ވަރަށް ގިނަ ލަފާތައްވެސް މިކަމުގައި ހޯދާފައިވާނެ ކަމަށް ވަކީލު ބުނެފައިވެއެވެ.

ސައިކޮލޮޖިސްޓް އެމިލީ މަރައިޓް ބުނެފައިވަނީ އޭނާ މަރުވާން ފެބުރުއަރީ 28 ވަނަ ދުވަސް އިހުތިޔާރު ކުރީ "ދަރިންނަށް ދޭ އިހުތިރާމެއްގެ" ގޮތުގައި ކަމަށް ވެދާނެ ކަމަށެވެ. އަދި އެ ދުވަސް އިހުތިޔާރު ކުރީ އޭނާ އެ ދުވަހު ފެށި ކަންތައް ނިންމާލަން ބޭނުންވާތީ ކަމަށްވެދާނެ ކަމަށްވެސް އެމިލީ ބުނެފައިވެއެވެ. އެއީ އެދުވަހު ދަރިން މަރާލިއިރު އޭނާވެސް އަމިއްލަ އަށް މަރުވާން ބޭނުންވެފައި ހުރުމުންނެވެ.

ބެލްޖިއަމްގައި މިދިޔަ އަހަރު، އަމިއްލައަށް އެދިގެން 2966 މީހުން ވަނީ މަރާލާފައެވެ. އޭގެ ތެރެއިން އެންމެ ގިނައީ ކެންސަރުގެ ބަލި މީހުންނެވެ. ނަމަވެސް އޮފިޝަލުން ބުނަނީ އެކަމަށް އެދޭ ކޮންމެ ހަތަރު މީހެއްގެ ތެރެއިން ތިން މީހުންނަކީ ޖިސްމާނީ އަދި ނަފްސާނީ ވޭންވެސް ތަހައްމަލް ކުރަމުންދާ މީހުން ކަމަށެވެ.