ކޮވިޑާ ގުޅިގެން ރާއްޖޭގެ ހާލަތަށް ބަލާއިރު 2023 ވަނަ އަހަރު އައިއޯއައިޖީ ބޭއްވުމަކީ ބޮޑު ޗެލެންޖެއް ކަމަށާއި ރާއްޖޭގައި ގޭމްސް ބާއްވާނެތޯ ނުވަތަ ނޫންތޯ ދެން ނިންމާނީ ކެބިނެޓުން ކަމަށް ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ކުޅިވަރު ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން މަހުލޫފު ވިދާޅުވީ އައިއޯއައިޖީއާ ގުޅިގެން ބޭއްވުނު ބައްދަލުވުންތަކަށް ރިއާޔަތްކޮށް ކެބިނެޓަށް ކަންތައްތަކެއް ހުށަހަޅާނެ ކަމަށެވެ. އަދި މި ހުށައަޅާ ކަންތައްތަކުގެ ބޭނުމަކީ މި ގޭމްސް 2025 އަށް ފަސްކުރުންތޯ ނުވަތަ 2023 ގެ މުބާރާތް ބޭއްވުމުގެ ފުރުސަތު ދޫކޮށްލާނީތޯ ކަމަށް މަހުލޫފު ވިދާޅުވިއެވެ.

ރާއްޖޭގައި އައިއޯއައިޖީ ބާއްވަން ފުރުސަތު ލިބުމާއެކު ސަރުކާރުން ވަނީ ޓާގެޓުތަކެއް ކަނޑައަޅާ، ގޭމްސްއަށް ތައްޔާރުވާން ފަށާފައެވެ. އެގޮތުން ކުޅޭނެ ތަންތަން ތަރައްގީކުރުމާއި އެތްލީޓުންގެ ތަމްރީނުތަކާއި ބަޖެޓުގެ ގޮތުން ކުރަންޖެހޭ ކަންކަން ހިމެނެއެވެ. ނަމަވެސް ކޮވިޑުގެ ހާލަތާއެކު ސަރުކާރަށް ވަނީ މި ހުރިހާ ކަމެއްވެސް ވަގުތީގޮތުން މަޑުޖައްސާލަން މަޖުބޫރުވެފައެވެ.

މަހުލޫފު ވިދާޅުވީ ގޭމްސްގެ އިންތިޒާމު ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަތައް ވަރަށް ރަނގަޅަށް ދިޔަ ކަމަށާއި އަންނަ މަހު އޮންނަ އިތުރު ބައްދަލުވުމެއްގައި ބައިވެރިވުމުގެ ކުރިން ރާއްޖޭން ކުރިއަށްދާ ގޮތެއް ކެބިނެޓް މެދުވެރިކޮށް ނިންމާފައި އޮތުމަކީ މުހިއްމު ކަމެއް ކަމަށެވެ.

ގޭމްސް ބާއްވާ ތާރީހަށް ބަދަލު އައި ނަމަވެސް ރާއްޖޭގެ ވަސީލަތްތައް ޤާއިމުކުރުމާއި އެތްލީޓުންގެ ކުރިއެރުމަށް ކުރަންޖެހޭ މުހިއްމު ކަންކަމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާނެކަމަށް މަހުލޫފު ވިދާޅުވިއެވެ. އަދި މަސައްކަތްކުރަނީ އަންނަ އަހަރުގެ ބަޖެޓު ކުޑަނުކޮށް ވޭތޯ ކަމަށްވެސް މަހުލޫފު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖަޒީރާވަންތަ ކެހެރި ނުފަޅާ ޖަނަވާރު

    ލާރިކައި ނިމުނީމަ އެހެންބައެއް ބޮލަށް ޖަހާލީދޯ

    5
    1
  2. ނަސްރީނާ

    ރީލޯޑއަށް އެއްކަމެއްވެސް ނުކުރެވޭނެ ތިހެއް ހޭރި ހޭރި ހުރޭ

    3
    1