މިމަހު ކުރީކޮޅު ކޮވިޑް-19 އަށް ފައްސިވި ޕޯޗުގަލް އަދި ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކަރަންޓީނުގެ އަމުރާއި ހިލާފުވި ކަމަށްބުނެ އޭނާގެ މައްޗަށް ޖިނާއީ ތަހުގީގެއް ފަށާފައިވާ ކަމަށް އިޓަލީގެ ސްޕޯޓްސް މިނިސްޓަރު ވިންސެންޒޯ ސްޕަޑަފޯރާ ބުނެފިއެވެ.

ކޮވިޑަށް ފައްސިވުމުން ނޭޝަންސް ލީގުގައި ސްވިޑަންއާ ދެކޮޅަށް ކުޅުމަށް ޕޯޗުގަލްގެ ޓީމާއެކު ގޮސް ހުރި ރޮނާލްޑޯ ވަނީ ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރަން ޕްރައިވެޓް ޖެޓެއްގައި އިޓަލީއަށް ދަތުރުކޮށްފައެވެ.

އޭނާ އިޓަލީގެ ޓުރިންއަށް ގޮސްފައިވަނީ ކުއްލި ހާލަތުގައި ފަރުވާދެވޭނެ އެންމެހާ އިންތިޒާމްތަކެއް ހަމަޖެހިފައި ހުރި ޖެޓެއްގައި ކަމަށް ބޭރުގެ ރިޕޯޓްތަކުން ބުނެއެވެ.

ޗެމްޕިއަންސް ލީގުގައި ސްޕެއިންގެ ބާސެލޯނާއާއި އިޓަލީގެ ޔުވެންޓަސް ކުޅޭ މެޗުގެ ކުރިން ހެދި ކޮވިޑުގެ ދެވަނަ ޓެސްޓުންވެސް ރޮނާލްޑޯ ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

މީގެކުރިން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުން ވިންސެންޒޯ ސްޕަޑަފޯރ ބުނީ ރޮނާލްޑޯ ދަތުރުކޮށްފައިވަނީ އިޓަލީގެ ސިއްހީ އިދާރާތަކުން ހޯދަންޖެހޭ ހުއްދަތަކެއް ނުހޯދާ ކަމަށެވެ. އެހެންކަމުން ރޮނާލްޑޯ ކަނޑައެޅިފައިވާ ޕްރޮޓޮކޯލްތަކަށް އިހްތިރާމް ނުކޮށް ގައިޑްލައިންތަކާއި ހިލާފުވެފައިވާކަން ގަބޫލްކުރާކަމަށްވެސް ސްޕަޑަފޯރ ވަނީ ބުނެފައެވެ. އަދި ފެޑެރަލް ޕްރޮސެކިއުޓަރ ޖެނެރަލްއަށް ރޮނާލްޑޯގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ފޮނުވާފައިވާ ކަމަށްވެސް އޭނާވަނީ ބުނެފައެވެ.

މީގެކުރިން ރޮނާލްޑޯ ވަނީ އިޓަލީގެ އެއްވެސް އުސޫލަކާއި އެއްވެސް ގާނޫނަކާއިވެސް ޚިލާފުވެފައި ނުވާނެ ކަމަށާއި އަބަދުވެސް މަސައްކަތްކުރަނީ ޤަވާއިދާއި ޤާނޫނުތަކާއި އެއްގޮތަށް ކަމަށް އޭނާވަނީ ބުނެފައެވެ. ރޮނާލްޑޮވަނީ މިކަމާ ބެހޭގޮތުން އޭނާގެ ރަސްމީ އިންސްޓަގްރާމުގައި ކުރި ލައިވް އިންޓަވިއުއެއްގައި އެއްވެސް އުސޫލަކާ ޚިލާފު ނުވާ ކަމަށާއި، އޭނާ ދަތުރުކުރީ ހުރިހާ ހުއްދައެއް ހޯދައިގެން ކަމަށް ބުނެފައެވެ. އަދި އޭނާ އުސޫލާ ޚިލާފުވެފައިވާ ކަމަށް ބުނެ ދައްކަނީ ހަގީގަތާ ޚިލާފު ދޮގު ވާހަކައެއް ކަމަށްވެސް ވަނީ ބުނެފައެވެ.

ޔުވެންޓަސްއިން މިމަހުގެ މިމަހުގެ 29 ވަނަ ދުވަހު ބާސެލޯނާއާ ދެކޮޅަށް ޗެމްޕިއަންސް ލީގުގައި ނުކުންނަ މެޗުގެ 24 ގަޑީރުކުރިން އޭނާ އަލުން ކޮވިޑަށް ސުންކުނަގާނެއެވެ. އަދި ސުންކު ނައްސިވެއްޖެ ނަމަ އެމެޗުގައި އޭނާއަށް ކުޅެވޭނެއެވެ.