އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕަރ އާއި ބާންލީ ބައްދަލުކުރިމެޗުން ޓޮޓެންހަމަށް އުނދަގޫ މޮޅެއް ލިބިއްޖެއެވެ.

ބާންލީގައި ކުޅުނު މިމެޗުން ޓޮޓެންހަމް މޮޅުވީ 0-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ކުރީކޮޅުން ފެށިގެންވެސް ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ދެޓީމުންވެސް ވަނީ އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާކުރަން މަސައްކަތް ކޮށްފައެވެ.

ދެޓީމުންވެސް ރަނގަޅު ކުޅުމެއް ދައްކަމުން ދިޔަ މިމެޗުގެ ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައި ބާންލީވަނީ ލަނޑެއް ޖަހާފައެވެ. އެހެންނަމަވެސް އޭޝްލީ ބާންސް ބޯޅަ ފޮނުވާލިއިރު އޮފްސައިޑްގައި ހުރުމުން ރެފްރީ ވަނީ ގޯލް ބަލައިނުގަންނަން ނިންމާފައެވެ.

ގިނަ ހަމަލާތަކެއް މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ފެނިގެންދިޔަނަމަވެސް ގޯލަށް ނުރައްކާވާވަރުގެ ހަމަލާއެއް ދެޓީމުންކުރެ ޓީމަކަށް އުފެއްދިފައެއް ނުވެއެވެ.

ދެވަނަ ހާފުގައިވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަނަމަވެސް މިހާފުގައި ދެޓީމުންވެސްވަނީ ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން މެޗުގެ 70 ވަނަ މިނެޓުގައި އޭޝްލީ ވެސްޓްވުޑް ނަގައިދިން ކޯނަރު ކެވިން ލޯންގް ބޮލުން ފޮނުވާލިނަމަވެސް ގޯލަށް ވަދެވަދެ އޮތް ބޯޅަ ގޯލް ލައިންމަތިން ސަލާމަތްކުރީ މެޗުގައި މޮޅުކުޅުމެއް ދެއްކި ޓޮޓެންހަމްގެ ފޯވާޑް ހެރީ ކޭންއެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 76 ވަނަ މިނެޓުގައި ޓޮޓެންހަމްއަށް ކާމިޔާބުކޮށްދިނީ ހިއުންގް މިން ސަންއެވެ. މިއީ އެރިކް ލަމޭލާ ނަގައިދިން ކޯނަރު ހެރީ ކޭން ވަރަށް ރީތިކޮށް ސަންއަށް ބޮލުން ޖައްސާލިބޯޅަ ޑައިވިންގް ހެޑަކުން ގޯލްގެ ތެރެއަށް ވައްދާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މި ނަތީޖާއާއިއެކު ހަ މެޗުން 11 ޕޮއިންޓު ހޯދައިގެން ޓޮޓެންހަމް ވަނީ ތާވަލްގެ ފަސްވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި މެޗުން ބަލިވެ ބާންލީ އޮތީ ތާވަލުގެ 18 ވަނައިގައި އެންމެ ޕޮއިންޓަކާއިއެކުއެވެ.