ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ގްރޫޕް އޭގައި ކުޅުނު މެޗުން ޖަރުމަނުގެ ބަޔާން މިއުނިކް އާއި ރަޝިއާގެ ލޮކޮމޮޓިވް މޮސްކޯ އާއި ބައްދަލުކުރި މެޗުން މޮޅުވެ އެޓީމުން ޗެމްޕިއަންސް ލީގުގައި ހަދަމުން އައި މޮޅުވުމުގެ ރެކޯޑު ދަމަހައްޓައިފިއެވެ.

މި މޮޅާއެކު ބަޔާން މިއުނިކް ވަނީ ޗެމްޕިއަންސް ލީގުގައި ޖެހިޖެހިގެން 13 މެޗުން މޮޅުވެފައެވެ.

ރަޝިއާގެ ލޮކޮމޮޓިވް މޮސްކޯއާއި ދެކޮޅަށް އެޓީމުގެ އާރް.ޒެޑް.ޑީ އެރީނާގައި ކުޅުނު މެޗުން ބަޔާން މޮޅުވީ 1-2ގެ ނަތީޖާއަކުންނެވެ.

މުޅި މެޗު ކަހަލަގޮތައް ކޮންޓްރޯލްކުރަމުން ދިޔަ ބަޔާނުން މެޗުގެ ކުރީކޮޅު ވަނީ ލަނޑެއް ޖަހާ ލީޑުނަގާފައެވެ. ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައި ބެންޖަމިން ޕަވާޑް ދިން ޕާހަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލިއޯން ގޮރެޓްޒްކާއެވެ.

ގިނަ ހަމަލާތަކެއް ފެނުނުނަމަވެސް ފުރަތަމަ ހާފު ނިމުނީ ދެޓީމުން ކުރެ ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބުނުކުރެވިއެވެ.

ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް ރަނގަޅު ހަމަލާތަކެއް އުފެއްދުމަށް މަސައްކަތް ކުރަމުންދިޔަ މޮސްކޯއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ 70 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒީ ލުއިސް އޭރިއާ ތެރެއަށް ނަގައިދިން ހުރަހެއް ގޯލްގެ ތެރެއަށް ފޮނުވާލައިގެން އެންޓޮން މިރަންޗުކްއެވެ.

އެހެންނަމަވެސް އޭގެ ނުވަ މިނެޓުފަހުން ޖޯޝުއާ ކިމިޗް ވަނީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލްގެ ތެރެއަށް ވައްދާލައިގެން ބަޔާން މެޗުން މޮޅުވި ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައެވެ.

މީގެ އިތުރުން މިގްރޫޕުގައި ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑުން އޮސްޓްރިއާގެ ސާލްސްބާގްގެ މައްޗަށް ކުރިހޯދީ 2-3ގެ ނަތީޖާއަކުންނެވެ.

އެތްލެޓިކޯގެ އެސްޓޭޑިއޯ ވަންޑާ މެޓްރޮޕޮލިޓާނޯގައި ކުޅުނު މިމެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީވެސް އެތްލެޓިކޯއިންނެވެ. ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މާކޮސް ލޮރެންޓޭއެވެ.

އެހެންނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ސާލްސްބާގުން ވަނީ ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް މާގިމް ބެރިޝާ ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑޮމިނިކް ޒޮބޮސްލާއިއެވެ.

ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި މާގިމް ބެރިޝާވަނީ ލަނޑެއް ޖަހާ ފުރަތަމަ ފަހަރަށް މެޗުގައި ސާލްސްބާގަށް ލީޑުނަގާދީފައެވެ. އެހެންނަމަވެސް މާގިނައިރަކު އެޓީމަށް ލީޑުގައެއް ނޯވެވުނެވެ.

ސާލްސްބާގުން ލީޑު ނެގިތާ ފަސް މިނެޓުފަހުން ޖޮއާއޮ ފެލިކްސް ވަނީ އެތްލެޓިކޯއަށް ލަނޑެއް ކާމިޔާބުކޮށްދީ ނަތީޖާ ހަމަހަމަކޮށްފައެވެ. އަދި މެޗުން އެތްލެޓިކޯ މޮޅުވި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީވެސް ފެލިކްސް އެވެ.

މި ނަތީޖާތަކާއެކު މިވަގުތު ގްރޫޕް އޭގެ އެއްވަނައިގައި ކުޅުމު ދެ މެޗުން ހަ ޕޮއިންޓު ހޯދައިގެން އޮތީ ބަޔާން މިއުނިކެވެ. ދެވަނައިގައި ތިން ޕޮއިންޓާއެކު އޮތީ އެތްލެޓިކޯ މެޑްރިޑެވެ. ގޯލްގެ ތަފާތުން ތިންވަނައިގައި ލޮކޮމޮޓިވް މޮސްކޯ އޮތްއިރު ފުލުގައި އޮތީ ސާލްސްބާގެވެ.