ޗެމްޕިއަންސް ލީގުގައި ރޭ ތުރުކީގެ އިސްތަންބުލް ބަސަކްސަހިރާއި ދެކޮޅަށް ކުޅެ ޕީއެސްޖީ މޮޅުވި މެޗުގައި ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން ކުރިއަށްއޮތް ތިން މެޗުގައި ނޭމާއަށް ނުކުޅެވިދާނެކަމަށް އެޓީމުގެ ކޯޗް ތޯމަސް ޓުޗެލް ބުނެފިއެވެ.

ޕީއެސްޖީން އިންޓަނޭޝަނަލް ބްރޭކަށް ކުޅުންތެރިން ދިއުމުގެ ކުރިން ކުރިއަށްއޮތް 10 ދުވަސްތެރޭ ތިން މެޗެއް ކުޅެން އެބައޮތެވެ. އެއީ ފްރެންޗް ލީގުގައި އެޓީމުން ނޯންޓްސް އަދި ރެނެސް އާއި ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން ޗެމްޕިއަންސް ލީގުގައި ޖަރުމަނުގެ އާރް.ބީ ލިޕްޒިގާއި ދެކޮޅަށް ކުޅޭ މެޗެވެ.

ޕީއެސްޖީގައި މޮޅ ުކުޅުމެއް ދައްކަމުން އަންނަ ނޭމާވަނީ އެޓީމަށް މި ސީޒަނުގައި ކުޅެދިން ހަ މެޗުން ދެލަނޑު ކާމިޔާބުކޮށް ތިން ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ.

މެޗާއި ބެހޭގޮތުން ވާހަކަދައްކަމުން ޓުޗެލް ބުނީ މެޗާއި ކުރިމަތިލި އިރުވެސް އިސްތަންބުލް ބަސަކްސަހިރުން އެގްރެސިވް ގޭމެއް ކުޅޭނެކަން އެނގޭކަމަށާއި ނޭމާގެ އަނިޔާ ނޫން އެހެން ހުރިހާކަމެއް ދިޔައީ ޓީމުން ރާވާފައިވާ ގޮތައް ކަމަށެވެ. އަދި މެޗުގައި އަނިޔާވުމުގެ ކުރިން ނޭމާގެ އެހީތެރިކަން ޓީމަށް ވަރަށް ރަނގަޅަށް ލިބުނު ކަމަށާއި މެޗުން ލިބުނީ ނުހަނު ބޭނުންވެފައި ހުރި މުހިންމު މޮޅެއް ކަމަށްވެސް ޓުޗެލް ވަނީ ބުނެފައެވެ.

ރޭގެ މެޗުގައި ޕީއެސްޖީން ޖެހި ދެ ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން އެވަޓަނުން އެޓީމަށް ބަދަލުވި އިޓަލީގެ ޒުވާން ފޯވާޑް މޮއިސް ކީންއެވެ. މިއާއެކު އޭނާ ވެގެންގޮސްފައިވަނީ ޗެމްޕިއަންސް ލީގުގައި ލަނޑުޖެހި އިޓަލީގެ އެންމެ ހަގު ކުޅުންތެރިއާ އަށެވެ. މީގެކުރިން މި ރެކޯޑް އޮތީ އިޓަލީގެ ކުރީގެ ފޯވާޑް އަދި ލެޖެންޑް އެލެސަންޑްރޯ ޑެލް ޕިއެރޯގެ އަތުގައެވެ.