ކޮވިޑަށް ފައްސިވެ ދިގުމުއްދަތެއް ކުޅުމާ ދުރުގައި ހޭދަކުރުމަށްފަހު ޔުވެންޓަސްއަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެންމެ ފަހުން ހެދި ޓެސްޓުން ކޮވިޑް-19 އަށް ނައްސިވެއްޖެއެވެ.

މިމަހުގެ ކުރީކޮޅު ނޭޝަންސް ލީގުގައި ސްވިޑަންއާ ދެކޮޅަށް ކުޅުމަށް ޕޯޗުގަލްގެ ޓީމާއެކު ގޮސް ހުރި ރޮނާލްޑޯ ފައްސިވިކަން އެނގިފައިވަނީ މެޗު ކުޅުމުގެ ކުރިން ހެދި ޓެސްޓުންނެވެ. އެއާއެކު ޓީމުން އެމުބާރާތައް ކުރަމުންދިޔަ ކޭމްޕުން ވަކިވެ އޭނާވަނީ އެކަހެރިވެފައެވެ.

މިއީ އޭނާ ކޮވިޑަށް ޓެސްޓުކުރި 4 ވަނަ ފަހަރެވެ. އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާއި ދެކޮޅަށް ކުޅެ ޔުވެންޓަސް ބަލިވި މެޗުގެ ކުރިން ކުރި ޓެސްޓުންވެސް އޭނާ ވަނީ ފައްސިވެފައެވެ.

ރޮނާލްޑޯ ކޮވިޑަށް ނައްސި ވިކަން ޔުވެންޓަސްގެ ރަސްމީ ވެބްސައިޓުގައި ނެރުނު ބަޔާނަކުން ވަނީ ޔަގީންކޮށްދީފައެވެ. މި ބަޔާނުގައި ބުނެފައިވަނީ ކޮވިޑުން ފަސޭހަވިތޯ ބެލުމަށް ޑައިގްނޯސްޓީކް (ސްވެބް) ޓެސްޓެއް ރޮނާލްޑޯ ހަދާފައިވާ ކަމަށާއި ނަތީޖާ ނައްސިވެފައިވާ ކަމަށެވެ. 19 ދުވަހަށްފަހު ހޯމް ކަރަންޓީނުން އޭނާ ވީއްލިފައިވާކަމަށްވެސް މިބަޔާނުގައި ބުނެފައިވެއެވެ.

ކޮވިޑަށް ފައްސިވެ ޔުވެންޓަސްއިން ސެރިއާ އޭގައި ކްރޮޓޯނާއި ވެރޯނާއާއި ދެކޮޅަށް ކުޅުނު މެޗުގެ އިތުރުން ޗެމްޕިއަންސް ލީގުގައި އެޓީމުން ޑައިނަމޯ ކީވްގެ މައްޗަށް ކުރިހޯދި މެޗާއި ބާސެލޯނާއާއި ދެކޮޅަށް ކުޅެ ބަލިވި މެޗުގައިވެސް ރޮނާލްޑޯއަށް ކުޅެވިފައެއް ނުވެއެވެ. އެހެންނަމަވެސް އާދިއްތަ ދުވަހުގެރޭ އިޓާލިއަން ލީގުގައި ޔުވެންޓަސްއިން ސްޕެޒިއާ އާއި ދެކޮޅަށް ކުޅޭ މެޗުގައި އޭނާއަށް ކުޅެވޭނެއެވެ.

ފަސް ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދާފައިވާ ރޮނާލްޑޯގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބަލީގެ އެއްވެސް އަލާމާތެއް ފެންނަން ނެތް ކަމަށާއި އޭނާގެ ސިއްހަތު އަދި ހާލަތުވެސް ރަނގަޅު ކަމަށްބުނެ ޕީސީއާރު ޓެސްޓުގެ ސައްހަކަމާމެދު ސުވާލު އުފައްދާ އޭނާވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

ޕޯޗުގަލްގެ ޓީމާއެކު އެގައުމުގއަި ކޭމްޕް ކުރަން ހުރުމަށްފަހު ކަރަންޓީނުވާން އޭނާ އިޓަލީގެ ޓޫރިންއަށް ޕްރައިވެޓް ޖެޓެއްގައި ވަނީ ގޮސްފައެވެ. މިޖެޓަކީ ކުއްލި ހާލަތުގައި ފަރުވާދެވޭނެ އެންމެހާ އިންތިޒާމްތަކެއް ހަމަޖެހިފައި ހުރި ޖެޓެއްކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ރޮނާލްޑޯ ޓޫރިންއަށް ދަތުރުކުރީ އިޓަލީގެ ކަމާބެހޭ ފަރާތްތަކުން ހޯދަން ޖެހޭ ހުއްދަތައް ނުހޯދާ ކަމަށްބުނެ އިޓަލީގެ ފެޑެރަލް ޕްރޮސެކިއުޓަރ ޖެނެރަލްއަށް ރޮނާލްޑޯގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ފޮނުވާފައިވާ ކަމަށް އެގައުމުގެ ކުޅިވަރާ ބެހޭ ވަޒީރު ވިންސެންޒޯ ސްޕަޑަފޯރާ ވަނީ ބުނެފައެވެ. އެހެންނަމަވެސް ރޮނާލްޑޯ ވަނީ އޭނާގެ މައްޗަށް އެގައުމުގެ ސްޕޯޓްސް މިނިސްޓަރު ކުރާ ހުރިހާ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.