އިޓާލިއަން ލީގުގައި ސްޕެޒިއާ އާއި ޔުވެންޓަސްގެ ކުރިމަތިލުން އެއްވަރުވަމުން ދަނިކޮށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރާ އެ ޓީމުގެ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ ފެންވަރު ދައްކާލައިފިއެވެ.

އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު ނޭޝަންސް ލީގަށް ޕޯޗުގަލް ކޭމްޕުކުރަމުން ދަނިކޮށް ކޮވިޑަށް ފައްސިވެ އައިސޮލޭޝަންގައި ހުންނަން ޖެހުމުން ރޮނާލްޑޯއަށް ވަނީ މިރޭގެ މެޗުގެ ކުރިން ޔުވެންޓަސްއިން ކުޅުނު ހަތަރު މެޗެއް ކުޅުމުގެ ފުރުސަތު ގެއްލިފައެވެ.

ރޮނާލްޑޯ ނުލާ ކުޅުނު ހަތަރު މެޗުގެ ތެރެއިން ޔުވެންޓަސްއަށް މޮޅުވެވުނީ ހަމައެކަނި ޗެމްޕިއަންސް ލީގުގައި ޑައިނަމޯ ކީވްއާއި ދެކޮޅަށް ކުޅުނު މެޗުގައި އެކަންޏެވެ. އަދި ފުޓުބޯޅައަށް ލޯބިކުރާ އެތައް ބަޔަކު އިންތިޒާރުކުރަމުން ދިޔަ ރޮނާލްޑޯ އާއި މެސީގެ ކުރިމަތިލުމަށް ބާސާއާއި ދެކޮޅަށް ޔުވެންޓަސް ކުޅެ ބަލިވި މެޗުގައިވެސް ރޮނާލްޑޯއަށް ކުޅެވިފައެއް ނުވެއެވެ.

މިރޭގެ މެޗުން ސްޕެޒިއާގެ މައްޗަށް ޔުވެންޓަަސް 1-4 އިން ކުރިހޯދިއިރު އެޓީމުގެ ސްޕެއިން ފޯވާޑް އަލްވާރޯ މޮރާޓާ ވަނީ މޮޅު ކުޅުމެއް ދައްކާ މެޗުގައި ޔުވެންޓަސްއިން ޖެހި ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދީފައެވެ. އަދި މީގެ އިތުރުން މޮރާޓާ އިތުރު ލަނޑެއް ކާމިޔާބުކުރިނަމަވެސް ރެފްރީ ވަނީ ލަނޑު ޖެހުމުގެ ކުރިން މޮރާޓާ އޮފްސައިޑުގައި ހުރިކަމަށްބުނެ ލަނޑު ބަލައިނުގަންނަން ނިންމާފައެވެ،

އެހެންނަމަވެސް 32 ވަނަ މިނެޓުގައި ސްޕެޒިއާގެ ޓޮމާސޯ ޕޮގޭބާ ވަނީ ލަނޑެއް ޖަހާ އެޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މި ލަނޑަކީ ޕައޮލޯ ބާޓޮލޮމެއި ދިން ޕާހެއް ޕޮގޭބާ ގޯލާ ދިމާލަށް ފޮނުވާލުމުން ޔުވެންޓަސްގެ ޑިފެންޑަރެއްގެ ފައިގައި ޖެހި ބޯޅައިގެ މިސްރާބު ބަދަލުވެގެންގޮސް ކީޕަރު ބުފޮންގެ ގައިމަތިން ވަތް ގޯލެކެވެ.

މި ނަތީޖާގައި އޮވެ ފުރަތަމަ ހާފު ނިމުނުއިރު ދެވަނަ ހާފުގައި ޔުވެންޓަސްގެ ކޯޗް ޕިރްލޯ ވަނީ މީގެ ކުރިން މިމެޗުގައި ރޮނާލްޑޯ ނޭރުވުން ގާތްކަމަށް ބުނިނަމަވެސް 56 ވަނަ މިނެޓުގައި ޕައުލޯ ޑީބާލާގެ ބަދަލުގައި އޭނާ ކުޅެން އަރުވާފައެވެ. އަދި ކުޅެން އެރިތާ ތިންމިނެޓު ފަހުން ރޮނާލްޑޯ ވަނީ ލަނޑެއް ޖަހާ ޔުވެންޓަސްއަށް ލީޑުނަގާދީ އޭނާއަކީ ކިހާ ފެންވަރެއްގެ ކުޅުންތެރިއެއްކަން ސާބިތުކޮށްދީފައެވެ

މޮރާޓާ ދިން ޕާހެއްގައި ސްޕެޒިއާގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ރޮނާލްޑޯ މި ލަނޑު ކާމިޔާބުކުރީ އެޓީމުގެ ކީޕަރު ކައިރިންވެސް ނައްޓާލުމަށްފަހު މެޗުގެ 59 ވަނަ މިނެޓުގައެވެ.

މެޗުގައި ދެވަނަ ފަހަރަށް ސްޕެޒިއާއިން 65 ވަނަ މިނެޓުގައި އިތުރު ލަނޑެއް ކާމިޔާބުކުރި ނަމަވެސް ރެފްރީ ވަނީ ގޯލްޖެހި ކެވިން އަގުޑެލޯ އޮފްސައިޑުގައި ހުރިކަމަށް ބަލާ ލަނޑު ބަލައިނުގަންނަން ނިންމާފައެވެ. މި ލަނޑަކީވެސް ސްޕެޒިއާއިން އުފެއްދި ހަމަލާއެއް ދިފާއުކުރުމަށް އުޅުމުގެ ތެރޭގައި ޔުވެންޓަސްގެ ކީޕަރު ބުފޮންއަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ އެޓީމުން ކާމިޔާބުކުރި ލަނޑެކެވެ. މި މެޗުގައި ބުފޮންގެ ފަރާތުން ގިނަ ގޯސްތަކެއް ފެނިގެން ގޮސްފައިވެއެވެ.

ޔުވެންޓަސްގެ ލީޑު ފުޅާކޮށްދިން ލަނޑު މެޗުގެ 67 ވަނަ މިނެޓުގައި ފެޑެރިކޯ ޗިއޭސާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކުރީ އެޑްރިއެން ރާބިއޮޓް އެވެ. އަދި މެޗުގައި ޔުވެންޓަސްއިން ޖެހި ފަހު ލަނޑަކީ 76 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ރޮނާލްޑޯ ކާމިޔާބުކުރި ރީތި ލަނޑެކެވެ.

މެޗުން މޮޅުވެ ޔުވެންޓަސް އޮތީ ޕޮއިންޓް ތާވަލުގެ ތިންވަނައިގައި 12 ޕޮއިންޓާއެކުގައެވެ. ސްޕެޒިއާ އޮތީ 5 ޕޮއިންޓާއެކު 12 ވަނައިގައެވެ. މިމަހުގެ ފަސްވަނަ ދުވަހު ޔުވެންޓަސް ނުކުންނާނީ ޗެމްޕިއަންސް ލީގުގައި ފެރެންކްވަރޮސްއާއި ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ލޮލްލޮލް

  ހެހެހހެހެހެ ފެންވަރު ލޮލް

  3
  2
 2. ފެލިސް

  ރޮނާ ވާ ދަކުރެވޭނެ މީހަކު ނުހުންނާނެ

  4
  1