އާދިއްތަ ދުވަހުރޭ ބުރައިޓަން އަތުން މޮޅުވި ލަނޑު ބޭލް ކާމިޔާބު ކުރުމާއެކު ރެއާލް މެޑްރިޑުގެ ވެބްސައިޓް ބަލާނެ ކަމަށް ޓޮޓެންހަމުގެ ކޯޗު މޮރީނިއޯ ބުނެފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ޓޮޓެންހަމް މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗަށްފަހު މޮރީނިއޯ ބުނީ އޭނައަށް ފަސްވަރަކަށް މިނެޓް ލިބުމުން ރެއާލްގެ ވެބްސައިޓަށްވަދެ އެމީހުން ބޭލްއާއި މެދު ބުނާއެއްޗެއް ބަލާނޭ ކަމަށެވެ.

ރެއާލުން ލޯނުގެ އުސޫލުން މިހާރު ބޭލް ޓޮޓެންހަމަށް ކުޅެމުންދާއިރު މިއީ އަލުން އަނބުރާ ޓޮޓެންހަމަށް ބަދަލުވުމަށްފަހު ބޭލް ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

"ކޮންމެ ހަފްތާއަކުވެސް ބޭލްގެ ކުޅުންދަނީ ރަނގަޅުވަމުން ، އޭނާ ދައްކަމުންދަނީ ވަރަށް ރަނގަޅު ސިފަތަކެއް ، އަހަރުމެން އޭނާއަށް އަޅާލަން އަދި ބޭލްވެސް ޓީމަށް ބަލާ" މޮރީނިއޯ ބުންޏެވެ.

މި މެޗު ފަށައިގެން 13 ވަނަ މިނެޓުގައި ޓޮޓެންހަމުން ވަނީ ލީޑު ނަގާފައެވެ. ޕެނަލްޓީއަކުން މި ލަނޑު ޓޮޓެންހަމަށް ކާމިޔާބުކޮށްދިނީ ހެރީ ކޭންއެވެ. ދެވަނަ ހާފަށް ނިކުމެ ބްރައިޓަން އިން ނަތީޖާ ހަމަހަމަކުރިއިރު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ތޯރިގު ލަމްޕްޓީއެވެ. ޓޮޓެންހަމް މި މެޗުން މޮޅުވި ލަނޑު ކާމިޔާބުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ބޭލްއެވެ. މެޗުގެ 73 ވަނަ މިނެޓުގައި ބޭލް މި ލަނޑު ކާމިޔާބުކުރީ ސާޖިއޯ ރެގީލޯން ނަގައިދިން ހުރަހަކުންނެވެ.

މި މޮޅާއެކު ޓޮޓެންހަމް ވަނީ ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. ކުޅުނު ހަތްމެޗުން އެ ޓީމަށް ލިބިފައިވަނީ 14 ޕޮއިންޓެވެ.