ލިވަޕޫލްއަކީ މިފަހަރުގެ ޗެމްޕިއަންސް ލީގުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން އެންމެ ވަރުގަދަ އެއް ޓީމުކަމަށް ޤަބޫލުކުރާކަމަށް އެޓްލާންޓާގެ ކޯޗު ޕިއޭރޯ ގަސްފަރީނީ ބުނެފިއެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ގަސްޕަރީނީ ބުނީ މިރޭ ލިވަޕޫލާ ދެކޮޅަށް ނުކުންނައިރު އޭނާގެ ޓީމުން ވަރަށް ސަމާލުވާންޖެހޭނެ ކަމަށާއި މިއީ އުނދަގޫ މެޗަކަށް ވާނެކަމަށެވެ.

އެޓްލާންޓާގެ ދަނޑުގައި ކުޅޭ މި މެޗުގައި ސަޕޯޓަރުންނަށް ނުވަދެވުމަކީ ލިބޭނެ ހީނަރުކަމެއް ކަމަށާއި ސަޕޯޓަރުން ތިބި ނަމަ ރަނގަޅު ނަތީޖާއެއް މި މެޗުން ނެރެވިދާނެ ކަމަށެވެ. އަދި ކޮންމެ މެޗަކީ ވެސް މުހިންމު މެޗެއްކަމަށާއި ލިވަޕޫލް އަތުން ޕޮއިންޓެއް ލިބުނަސް އެއީ އެޓްލާންޓާއަށް ލިބޭނެ އެޑްވާންޓޭޖެއް ކަމަށެވެ.

ގެސްޕަރީނީ ބުނީ މިވަގުތު ޔޫރަޕްގައި އޮތް އެންމެ ވަރުގަދަ ޓީމާ ވާދަކޮށްލެވޭ ފެންވަރު އޭނާގެ ޓީމުގައި އެބަހުރިކަމަށެވެ. އަދި ޓީމުގެ ކުޅުންތެރިން ތިބީ ރަނގަޅު ހާލަތެއްގައި ކަމަށާއި މި މެޗުގައި އެޓްލާންޓާގެ އަސްލު ކުޅުން ކުޅެފިނަމަ މެޗުން ފަސޭހަކަމާއެކު މޮޅުވެވިދާނެ ކަމަށެވެ.

މެޗާ ކުރިމަތިލާއިރު އެޓީމަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަނިޔާގެ އެއްވެސް މައްސަލެއް ޓީމުގައި ނެތުން ކަމަށް މިދިޔަ ސީޒަންގައި އެޓްލާންޓާ ގޮވައިގެން ނުކުމެ މުބާރާތުގެ ކުއާޓާފައިނަލާއި ހަމަޔަށް ދަތުރުކުރި ކޯޗު ބުންޏެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި ލިވަޕޫލްއާއި އެޓްލާންޓާ ބައްދަލުކުރާ މެޗު ކުޅޭނީ ރާއްޖެގަޑިން މިރޭ 01:00 ގައެވެ. މި ގްރޫޕުގައި ދެން ހިމެނޭ އަނެއް ދެ ޓީމު ކަމަށްވާ އަޔެކްސް އާއި މިޖިލަންޑް ވެސް މި ގަޑީގައި ބައްދަލުކުރާނެއެވެ. މި މެޗު ކުޅޭނީ މިޖިލަންޑްގެ ދަނޑުގައެވެ.