ޗެމްޕިއަންސް ލީގުގައި ރޭ ސްޕެއިންގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި އިޓަލީގެ ގަދަބާރު އިންޓަރ މިލާންގެ ކުރިމަތިލުމުގައި ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޮސް އެޓީމަށް ވާދަވެރި މެޗުތަކުން ކާމިޔާބުކުރި 100 ވަނަ ލަނޑާއެކު ލީގުގައި އެޓީމުން މުހިންމު މޮޅެއް ހޯދައިފިއެވެ.

ރެއާލްގެ އަލްފްރެޑޯ ޑި ސްޓެފަނޯގައި ކުޅުނު މިމެޗުން ރެއާލް މޮޅުވީ 2-3ގެ ނަތީޖާއަކުންނެވެ.

މުޅި މެޗުގައިވެސް ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ރެއާލުންނެވެ. މިލަނޑު މެޗުގެ 25 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ފޯވާޑް ކަރީމް ބެންޒީމާއެވެ. އޭނާ މިލަނޑު ކާމިޔާބުކުރީ އިންޓަރ މިލާނުގެ ކީޕަރުވެސް ނައްޓާލުމަށްފަހުއެވެ.

ރެއާލްއިން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރާމޮސްއެވެ. މިއީ ޓޮނީ ކްރޫސް ނަގައިދިން ހުރަހެއް ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. މިއީ އޭނާ އެޓީމަށް ކާމިޔާބުކޮށްދިން 100 ލަނޑުގެ ތެރެއިން ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިގެން އޭނާ ކާމިޔާބުކުރި 55 ވަނަ ލަނޑެވެ.

ރާމޮސް އަކީ މިހާރުވެސް ކުޅެމުންދާ ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ލަނޑު ކާމިޔާބުކުރި ޑިފެންޑަރެވެ. އަދި ފުޓުބޯޅައިގެ ދިގު ތާރީހުގައިވެސް އެންމެ ގިނަ ލަނޑު ޖަހާފައިވާ ޑިފެންޑަރުންގެ ލިސްޓުގެ 6 ވަނައިގައި ގައުމީ ޓީމަށާއި ކްލަބަށް ކާމިޔާބުކުރި 127 ލަނޑާއިއެކު އޮތީ ރާމޮސްއެވެ. މިލިސްޓުގެ އެއްވަނައިގައި 256 ލަނޑާއެކު އޮތީ މިހާރު ބާސެލޯނާގެ ކޯޗުގެ މަގާމުގައި ހުރި ރޮނާލްޑް ކޫމަން އެވެ.

ރާމޮސްގެ ތާރީހީ މިލަނޑުގެ 2 މިނެޓު ފަހުން ލައުޓަރޯ މާޓިނޭޒް ވަނީ އިންޓަރ މިލާނަށް ލަނޑެއް ކާމިޔާބުކޮށްދީ ފަރަގު ކުޑަކޮށްދީފައެވެ. މިލަނަޑަކީ ނިކޮލޯ ބަރެލާގެ ރީތި ޕާހަކުން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ރީތި ލަނޑެކެވެ.

މެޗުގެ ނަތީޖާ އިންޓަރ އަށް ހަމަހަމަކޮށްދިން ލަނޑު ދެވަނަ ހާފު ފަށައިން މެޗުގެ 68 ވަނަ މިނެޓުގައި އަނެއްކާވެސް ލައުޓަރޯ މާޓިނޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި މިފަހަރު ކާމިޔާބުކޮށްދިނީ އިވާން ޕެރިސިޗެވެ.

މެޗުން ރެއާލް މޮޅުވި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 10 މިނެޓަށް ވެފައިވަނިކޮށް ވިނިޝިއަސް ނަގައިދިން ރީތިހުރަހެއް ގޯލްތެރެއަށް ފޮނުވާލައިގެން ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން ތަރި ރޮޑްރީގޯއެވެ.

ގްރޫޕް ބީގައި ރޭވަނީ އިތުރު މެޗެއްވެސް ކުޅެފައެވެ. މިމެޗުގައި ޔޫކްރެއިންގެ ޝަކްތަރު ޑޮނެޓްސްކް އަތުން ޖަރުމަނުގެ ބޮރޫޝިއާ މޮންޗެންގްލަޑްބަކް ވަނީ 0-6ގެ ބޮޑު ނަތީޖާއަކުން ފަސޭހަމޮޅެއް ހޯދާފައެވެ. މިމެޗުގައި މޮންޗެންގްލަޑްބަކުގެ ފްރާންސް ފޯވާޑް އަލަސާން ޕްލީވަނީ ހެޓްރިކް ހަދާފައެވެ. އެޓީމުގެ އަނެއް ލަނޑުތައް ކާމިޔާބުކުރީ ރަމީ ބެންސެބައިނީ އާއި ލާސް ސްޓިންޑްލްއެވެ. އެޓީމުގެ އަނެއް ލަނޑަކީ ޝަކްތަރުގެ ވެލަރީ ބޮންޑާ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

މިނަތީޖާއާއިއެކު މިގްރޫޕުގެ ޕޮއިންޓް ތާވަލުގައި ބަދަލު އައިސްފައިވަނީ ހަމައެކަނި އިންޓަރ މިލާނާއި ރެއާލް އޮތް މަގާމަށެވެ. ކުރިން ހަތަރުވަނައިގައި އޮތް ރެއާލް މިހާރު ތިންވަނައަށް ކުރިއަށް ޖެހިލާފައިވާއިރު ތިންވަނައިގައި އޮތް އިންޓަރ ވަނީ ތާވަލުގެ ފުލަށް ވެއްޓިފައެވެ. އަދިވެސް ގްރޫޕުގެ އެއްވަނައިގައި 5 ޕޮއިންޓާއެކު މޮންޗެންްލަޑްބަކް އޮތްއިރު ރެއާލްއާއި ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް މިދެޓީމު ބައްދަލުކުރި މެޗުން ކުރިހޯދުމުން ތާވަލުގެ ދެވަނައިގައި އޮތީ ޝަކްތަރު ޑޮނެޓްސްކްއެވެ.