ގއ.ނިލަންދޫ ޒުވާނުންގެ މަރުކަޒު މަރާމާތަށްފަހު ހުޅުވައި ޚިދުމަތްދޭން ފަށައިފިއެވެ.

ގއ.ނިލަންދޫ ޒުވާނުންގެ މަރުކަޒު ހުޅުވިގެންދިޔުމާ ގުޅިގެން އެ މިނިސްޓްރީގެ ކޯޑިނޭޓަރ ޙަސަން ނިޝާއު ވިދާޅުވީ ނިލަންދޫ ޒުވާނުން އެއްތަނެއްގައި ކުޅިވަރު ކުޅެލާ މުނިފޫހި ފިލުވުމަށް މިއަދު ހުޅުވިގެންދިޔަ ޒުވާނުންގެ މަރުކަޒު ވަރަށް ހިތްގައިމުވާނެ ކަމަށެވެ.

އަދި ކުރިޔަށް އޮތްތަނުގައި ނިލަންދޫ ޒުވާނުންގެ މަރުކަޒުން އެރަށު ޒުވާނުންނަށް އަމާޒްކޮށްގެން ޕްރޮގްރާމްތަކާއި ތަފާތު ހަރަކާތްތައް ހިންގުމުގެ މަސައްކަތް ކުރާނެކަމުގައިވެސް ނިޝާއު ވިދާޅުވިއެވެ.

ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރ ހަސަން ނިޝާއު އާއި އެއްކޮށް ގއ.ނިލަންދޫ އަށް ވަޑައިގެން އުޅުއްވާ އެ މިނިސްޓްރީގެ ކޯޑިނޭޓަރ އިސްމާޢީލް އިބްރާހީމް ވިދާޅުވީ، ގއ.ޒުވާނުންގެ މަރުކަޒު އޮފަރޭޝަނަށް ގެނައުމުގައި އެ ރަށުގެ ކައުންސިލާއި އެކި އެކި މުއައްސަސާތަކާއި އަދި ވަކިން ޚާއްސަކޮށް ޒުވާނުންގެ ފަރާތުން ލިބުނު އެއްބާރުން ފާހަގަކޮށް އެކަމަށްޓަކައި ޝުކުރު އަދާކުރައްވާ ކަމުގައެވެ.

ޔޫތް މިނިސްޓްރީގެ އިސް އޮފިޝަލުން ރޯދަމަސް ފެށުނުއިރު ވަނީ ރާއްޖޭގެ ހުރިހާ ޒުވާނުންގެ މަރުކަޒުތަކުގެ ހާލަތު ބައްލަވައި އެތަންތަނަށް ގެންނަންޖެހޭ މަރާމާތާއި ބޭނުންވާ ކުޅިވަރު ސާމާން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައެވެ.

އެގޮތުގެ މަތިން ރޯދަމަހުގެ ފުރަތަމަ ހަފްތާގައި ޔޫތު މިނިސްޓްރީއިން ވަނީ 5 ޒުވާނުންގެ މަރުކަޒެއްގެ މަރާމާތު މަސައްކަތް ނިންމާ ޚިދުމަތްދޭން ފަށާފައެވެ.