ޑިސެމްބަރ މަހު އައްޑޫ ސިޓީގައި ބާއްވާ "ވަގުތު" ފުޓްސަލް ޗެލެންޖުގައި ބައިވެރިވުމުގެ ފުރުސަތު އިތުރު ހަޓީމަކަށް ދޭން ނިންމައިފިއެވެ.

މުބާރާތް އިންތިޒާމް ކުރާ ކޮމެޓީގެ އޮފިޝަލަކު މިއަދު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އިތުރު ހަޓީމަކަށް ދޭން ނިންމާ މިއަދުން ފެށިގެން މިމަހުގެ 20 ވަނަ ދުވަހާއި ހަމައަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

"މިމަހުގެ 20 ވަނަ ދުވަހާއި ހަމައަށް ފުރުސަތު ހުޅުވާލީ. ނަމަވެސް އޭގެ ކުރިން ހަޓީމް ފޯމް ހުށަހަޅައިފިނަމަ ފުރުސަތު ބަންދުވާނެ. އެންމެ ފުރަތަމަ ފޯމް ހުށަހަޅާ ހަޓީމަށް ފުރުސަތު އޮންނާނީ." މުބާރާތުގެ އޮފިޝަލް ބުންޏެވެ.

މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން 9657764 ނަމްބަރު ފޯނަށް ގުޅުމުން ފޯމް ހުށަހެޅުމާއި ގުޅޭ އިތުރު މައުލޫމާތު ލިބޭނެއެވެ. މިމުބާރާތުގައި ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެއެވެ. އަދި މުބާރާތުގައި ބައިވެރިވާ ޓީމްތަކަށް "ވަގުތު" އިން ޖޯޒީ ވެސް ފޯރުކޮށްދޭނެއެވެ.

މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ ޑިސެމްބަރ 03 ވަނަ ދުވަހު އެވެ.

އައްޑޫގައި "ވަގުތު" އިން އިންތިޒާމް ކޮށްގެން ބާއްވަމުން އަންނަ ފުޓްސަލް މުބާރާތަކީ 2017 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު އައްޑޫގައި ބާއްވަމުން އަންނަ މުބާރާތެކެވެ.

"ވަގުތު" އިން 2017 އިން ފެށިގެން ކޮންމެ އަހަރަކު އައްޑޫ ސިޓީގައި ބާއްވަމުން އަންނަ މުބާރާތުގެ މިފަހަރުގެ ޓައިޓަލް ސްޕޮންސަރަކީ "ޑްރީމްސް ޕިއްޒާ" އެވެ. މުބާރާތުގެ މޭޖާ ސްޕޮންސަރުންގެ ތެރޭގައި ހިމެނެނީ އަލް މުދިޝް އާއި ވީބީ ބްރަދާސް އެވެ. މުބާރާތުގެ އޮފިޝަލް ބޯޅަ ސްޕޮންސަރ ކޮށްފައި ވަނީ ކިންގް ސްޕޯޓްސް އިންނެވެ. އޮފިޝަލް ޕްރިންޓިން ޕާޓްނަރަކީ އައިލެންޑް އެޕަރަލްސްއެވެ.

މި އަހަރުގެ މުބާރާތުގައި ދޭ ފައިސާގެ އިނާމު ވެސް ވަނީ މިދިޔަ އަހަރަށް ވުރެ އިތުރުކޮށްފައެވެ. ފައިސާގެ އިނާމަށް ގެނައި ބަދަލާ އެކު، މުބާރާތުގެ ތިން ވަނަ ހޯދާ ޓީމަށް 30،000ރ. އަދި ރަނަރަޕް ޓީމަށް 75،000ރ. ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަަޖެހިފައެވެ. އަދި މުބާރާތުގެ ޗެމްޕިއަން ޓީމަށް 150،000ރ. ގެ ފައިސާގެ އިނާމެއް ވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ވަގުތު ފުޓްސަލް ޗެލެންޖްގެ 2020ގެ މޮޅު ކުޅުންތެރިއާ އަށް އުމްރާ ދަތުރެއް ދޭން ވަނީ ނިންމާފައެވެ. އުމްރާ ދަތުރު ހުށަހަޅާފައިވަނީ ޓްރެވް ހައްޖު އެންޑް އުމްރާ އިންނެވެ.